02 Oct 2016, 16:18
ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން (އެމްއެންޔޫއެސްޔޫ)ގެ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފި އެވެ.
"ލިޓަސް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ"ގެ ނަމުގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ވާދަވެރި މެޗުތަކަށްފަހު ސެމީގެ ޖާގަ ހޯދާފައިވަނީ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)ގެ އިތުރުން ސައިރިކްސް ކޮލެޖް އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ގްރޫޕް ސްޓޭޖުގައި ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި އެފްއެޗްޓީއެސް ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި ރޭ މޯލްޑިވްސް ބިޒްނަސް ސްކޫލާ ވާދަކޮށް 3-2 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެޗްޓީއެސް އަށް ދެ ލަނޑު ކާމިޔާބު ކޮށްދިން ނާޖިހް އިބްރާހީމެވެ.
ސެމީ ފައިނަލުގައި އެފްއެޗްޓީއެސް ބައްދަލުކުރަން ޖެހޭނީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލާ އެވެ.
ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުން ސެމީގެ ޖާގައެއް ކަށަވަރުކުރީ ރޭ، ގްރޫޕް ސްޓޭޖުގައި ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި ކްލިކް ކޮލެޖާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ނިމުނުއިރު ދެ ޓީމު އެއްވަރު ވުމުން، ޖެހި ޕެނަލްޓީގައި 6-5 ލަނޑުގެ ނަތީޖާއަކުން ކުލިކް ކޮލެޖުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
"ލިޓަސް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ"ގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތް: ސެމީ ފައިނަލުގެ މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހު --- ފޮޓޯ/ އެމްއެންޔޫއެސްޔޫ
ކޮންމެ ހަފްތާ ބަންދެއްގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެ މުބާރާތް ގައުމީ ޔުނިވާސިޓީގެ 10 ފެކަލްޓީ އަކުންނާއި އަމިއްލަ ކޮލެޖް/ ޔުނިވާސިޓީ އަދި ހައި ސްކޫލްތަކުގެ ތެރެއިން 10 ސެންޓަރެއް ބައިވެރިވި އެވެ.
އެގޮތުން، ސެމީގެ ޖާގައެއް އެންމެ ފުރަތަމަ ކަށަވަރުކުރި އަމިއްލަ ސެންޓަރަކީ މުބާރާތުގެ ދެވަނަ އަށް އެންމެ މޮޅު ތިން ޓީމުގެ ތެރެއިން ކުއާޓާއަށް ދަތުރުކުރި އައިޔޫއެމް އެވެ.
އެ ސެންޓަރުން ސެމީގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި މައި ކޮލެޖާ ދެކޮޅަށް ރޭ ކުޅުނު ވާދަކުރި މެޗު އެއްވަރު ވުމުން، ޕެނަލްޓީ ޖަހައިގެން 5-4 ލަނޑުގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގެ ސެމީގެ ޖާގައެއް ކާމިޔާބުކުރި ދެވަނަ އަމިއްލަ ސެންޓަރަކީ ގްރޫޕް ސްޓޭޖުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި ސައިރިކްސް ކޮލެޖެވެ.
އެ ކޮލެޖު ސެމީއަށް ދަތުރުކުރީ ރޭ އެވިޑް ކޮލެޖާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި 1-0 ލަނޑުގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނީ ސައިރިކްސް ކޮލެޖަށް ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިން އިސްމާއިލް މަމްދޫހެވެ.
ސެމީގައި ސައިރިކްސް ކޮލެޖު ވާދަކުރަންޖެހޭނީ އައިޔޫއެމްއާ އެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީ އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ.
ދެހާސް ތޭރަވަނަ އަހަރު އުފެދުނު ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން މިއަދާ ހަމައަށް ގިނަ ހަރަކާތްތަކެއް ޔުނިވާސިޓީގެ ފެކަލްޓީތަކުގެ އިތުރުން ރާއްޖޭގެ އެހެން ޔުނިވާސިޓީ ކޮލެޖްތަކުގެ އިތުރުން ހަޔާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.
އަދި މިއަހަރު އެ ޖަމިއްޔާއިން ކުރަން ރާވަފައިވާ ހަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕް ވަނީ ހަމަޖައްސާފައެވެ.