އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ، އެ މައްސަލާގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ 44 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާގެ ބަންދަށް ތިނަދޫ ކޯޓުން އިއްޔެ ވަނީ 10 ދުވަސް އިތުރުކޮށްފައެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ދެ އަހަރުގެ އެ އަންހެން ކުއްޖާ ޑޮކްޓަރަށް ދެއްކުމުން އެ ކުއްޖާ ވަނީ، ޖިންސީ ގޯނާ ކުރީ ކާކުކަން ކިޔައިދީފައެވެ.

އެ މައްސަލަ ތިނަދޫ ޕޮލިސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި އެފަދަ އަމަލު ހިންގާ މީހުންނަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފައެވެ.