02 Oct 2016, 15:13
ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ބަޔާން މިއުނިކް އަދިވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެ ކްލަބުގެ ކެޕްޓަން ފިލިޕް ލާމް ބުނެފި އެވެ.
ޖަރުމަން ބުންޑަސްލީގާގެ ފަސް މެޗުން ހޯދި މޮޅަށްފަހު، ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން ވަނީ 1-1 ލަނޑުން އެއްވަރުވެފައެވެ. އެންމެ ފަހުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަން ޗެމްޕިއަން ބަޔާން ވަނީ ބަލިވެފައެވެ.
"އަހަރެމެން އަދިވެސް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ. ޓީމުގެ ފޯވަޑް ލައިނުންނާއި ޑިފެންސް ލައިނުން ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ. ފާއިތުވި އަހަރުތަކުގައި އަހަރެމެންނަށް ކާމިޔާބީތަކެއް ލިބިގެންދިޔަ. މިހާރު އަހަރެމެން މިވަނީ އެއް މެޗުން ބަލިވެ، މެޗަކުން އެއްވަރުވެފައި. އަހަރެމެން ބޭނުންވާ ހިސާބަކަށް އަދި ނުދެވޭ،" ލާމް ބުންޏެވެ.
ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި އިންނަން ޖެހުނު ލާމް ބުނީ، އާ ކޯޗެއް ނަމަ ބަދަލުތަކެއް ފެނުމަކީ އާ ކަމެއް ނޫން ކަމަށާއި ބަޔާނަށް ކޮލޯން އަތުން ޕޮއިންޓެއް ލިބުމަކީ ހިތްހަމަޖެހުމެއް ނޫން ކަމަށެވެ. ބަޔާނުން ބޭނުންވީ އެއްވެސް ޕޮއިންޓެއް ގެއްލުވާ ނުލާ ކުރިއަށް ދިއުން ކަމަށް ވެސް އޭނާ ބުންޏެވެ.
ސީޒަންގެ ފެށުން ބަޔާނުން ރަނގަޅުކޮށްފައި ވުމުން އެ ކްލަބު އަދިވެސް އޮތީ ބުންޑަސްލީގާގެ އެއް ވަނައިގައެވެ. ބުންޑަސްލީގާގައި ބަޔާން ކުޅުނު ހަ މެޗުން މިހާތަނަށް ލިބިފައި ވަނީ ޖުމްލަ 16 ޕޮއިންޓެވެ.