02 Oct 2016, 14:38
ގދ. ތިނަދޫ ރަސްމީ ފާލަމުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ތިނަދޫ ކައުންސިލްގެ މެމްބަރު ސައުދު އަލީ "ސަން" އަށް ވިދާޅުވީ އެ ރަށުގެ ފާލަމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 90 ދުވަސްތެރޭ ނިންމާ ގޮތަށް ކަމަށެވެ. އެކުންފުންޏާ މަސައްކަތް ހަވާލު ކޮށްފައި ވަނީ ކުރިން އެމަސައްކަތް ކުރުމަށް ހަވާލު ކުރި ބްރިމް ސްޓޯމް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏާ އެކު ވެވުނު އެއްބަސްވުން އުވާލުމަށް ފަހު ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
ބްރިމް ސްޓޯމް ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރީ މީގެ ދެ އަހަރު ކުރިންނެވެ. އެފަހަރު އެ މަސައްކަތް ހަވާލު ކުރީ 120 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.
ގދ. އަތޮޅުގެ ވެރިކަން ކުރާ، 10000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ތިނަދޫގައި ފާލަމެއް ނެތްތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.
ސައުދު ވިދާޅުވީ އެ ފާލަން އަޅަން ހަމަޖެހިފައިވާ ޑިޒައިނަކީ މިހާތަނަށް ރާއްޖޭގައި ފާލަމެއް ހެދުމަށް ބޭނުން ކޮށްފައި ނުވާ ކޮންސެޕްޓަކަށް ހަދާފައިވާ ޑިޒައިނެއް ކަމަށެވެ.