02 Oct 2016, 14:36
ބަވަނަ ވެފައިވާ ދުނިޔެއެއްގައި ގައުމީ އިންތަކާއި މިންތައް ފަހަނައަޅައި އެއްވެސް މީހަކަށް ދެވިގެންނުވާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފަށާ ހިޖުރީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވާ ސިޔާމް ނެރުއްވި ބަޔާނެއްގައި ބުނީ، ދުނިޔެ ކިތަންމެ ވަރަކަށް ބަވަނަވިއަސް މާތްވެގެންވާ އިސްލާމްދީނާއި ގައުމިއްޔަތު ނެތި ފަނާވެދާނެ އެއްވެސް ކަމެއް ދަސްނުކުރުމާއި އެފަދަ ކަންތައްތަކުގެ އަވާގައި ނުޖެހި ތިބުމުގެ އާދަ އަށަގަންނަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"ބަވަނަ ވެފައިވާ ދުނިޔެއެއްގައި ގައުމީ އިންތަކާއި މިންތައް ފަހަނައަޅާ އަޅުގަނޑުމެން އެއްވެސް މީހަކަށް ދެވިގެންނުވަނެ ކަމަށާއި އަދި އެފަދަ ފުރުސަތުތައް އެއްވެސް ފަރާތަކަށް ދެވިގެންނުވާނެކަން މިފަދަ އާ އަހަރެއްގެ ކާމިޔާބަށް އަޅުގަނޑުމެންގެ ނިޔަތް ކަނޑައެލުމުގައި ވިސްނާލުން މުހިއްމު ކަމުގައި ދެކެން އެބަޖެހެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
ސިޔާމުގެ ބަޔާނުގައި ބުނީ، ހިޖުރީ އާ އަހަރަކާ ކުރިމަތިލާ އިރު ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ޓަކައި އިސްލާމްދީނުގެ ވަހުދަތު ނެގެހުއްޓުމާ އެކު ގައުމިއްޔަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް އެންމެން އަތުގުޅާލައިގެން ބަދަހި މަސައްކަތްތަކެއް އެއްރޫހެއްގައި ކުރުން މުހިއްމު ކަމުގެ އަޒުމް މިއަދު އާކުރަން ޖެހޭ ކަމަށެވެ.
"އަޅުނގަޑުމެންގެ އަޒުމަކަށް ވާންޖެހޭނީ މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ ހައްގުގައި އަދި އަދާއި މާދަމާގެ ހައްގުގައި އަދި ގައުމުގެ ތަމައްދުނާއި ތަހުޒީބުގެ ހައްގުގައި މިއަދު އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަދި ކުރަންޖެހުނު ކޮންމެ ކަމެއް، އުފުލައްވަން ޖެހުނު ކޮންމެ ތަކުލީފެއް އުފުއްލެވުމުގެ މަތިވެރި ޒިންމާއަކީ މިއަދު މިގައުމުގައި ދިރިތިބި ކޮންމެ ދިވެހި ދަރިއެއްގެ ބޮލުގައި ވެސް މާދަމާއަށް ޓަކާ އެޅިފައިވާ ވަރުގަދަ ގައުމީ މަސްއޫލިއްޔަތެއްކަން ގަބޫލުކުރުމެވެ." ސިޔާމްގެ ބަޔާނުގައި ބުނެފައިވެ އެވެ.