ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ދެ ވަނަ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ފައިނަލަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ދަތުރުކޮށްފި އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ރޭ ކުރިއަށްދިޔަ ފިރިހެނުންގެ ޓީމް އިވެންޓުގެ ފައިނަލުން ފުލުހުންނާއި ސިފައިން ޖާގަ ހޯދާފައި ވަނީ ރޭ ކުޅުނު ސެމީގެ މެޗުތަކުން މޮޅުވެގެންނެވެ.

ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ވާދަކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ފުލުހުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ފުލުހުން މޮޅުވެފައި ވަނީ 4-3 ސެޓުންނެވެ.

ރޭ ކުޅުނު ސެމީގެ ދެ ވަނަ މެޗުގައި ވާދަކޮށްފައި ވަނީ މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ސިފައިންނެވެ. ފަސޭހަކަމާއެކު ސީދާ ހަތަރު ސެޓުން އެ މެޗު ކާމިޔާބުކޮށްފައިވަނީ ސިފައިންނެވެ.

ފިރިހެނުންގެ ޓީމް އިވެންޓުގެ ފައިނަލުގައި ފުލުހުންނާއި ސިފައިން ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30ގައެވެ. އަންހެނުންގެ ޓީމް އިވެންޓް ފައިނަލުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާއި ބޭންކް އޮފް މޯލްޑިވްސް ބަައްދަލުކުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 5:00ގައެވެ.