06 Jun 2011, 19:10
ޔޫރަޕްގެ ބައެއް ގައުމުތަކުގައި "އީ ކޮލައި" ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބޭރަށް ހިންގުމުގެ ރޯގާއެއް ހަލުއިކަމާ އެކު ފެތުރެމުންދާ ކަމަށާއި ރޯގާ ފެތުރިފައިވާ ގައުމަކުން ރާއްޖެ އައި މީހެއްގެ ގައިން އެ ބަލީގެ ނިޝާނެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެ އާ ހަމައަށް ޖަރުމަނުގެ އިތުރުން ޔޫރަޕްގެ 12 ގައުމެއްގައި އެ ރޯގާ ފެތުރެން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުންނަށް މި ރޯގާ ޖެހިފައިވާ އިރު އެ ބަލީގައި 12 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އީ ކޮލައި ރޯގާ ޖެހުމުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސާ، ބޭރަށް ހިންގުމުގެ އިތުރުން ބައެއް ފަހަރު ބޮޑު ކަމުދާ އެއްޗެހީގައި ލޭ ހުރުން ވެސް އެކަށީގެންވާ ކަމަށް ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ރޯގާ ޖެހޭ ބައެއް މީހުންގެ ކިޑްނީ އަށް ގެއްލުން ލިބި ފިޓް ޖެހުމާއި އަދި ބަލި ބޮޑުވުމުގެ ސަބަބުން ބައެއް މީހުންގެ ފުރާނަ އަށް ނުރައްކާވާ ކަމަށް ވެސް ބުނެފަ ވެއެވެ.
އީކޮލައި ރޯގާ އާންމު ގޮތެއްގައި ޖެހެނީ ބަލީގެ ޖަރާސީމުން ތަޣައްޔަރުވެފައިވާ މޭވާ އާއި ތަރުކާރީ ރަނގަޅަށް ނުދޮވެ ބޭނުން ކުރުމުން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ބޮޑު ކަމުދާ ނަޖިހުގެ ޒަރީއާއިން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ އަކީ ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު އަންނަ ގައުމަކަށް ވާތީ ރައްޖޭގައި މި ރޯގާ ފެތުރުމުގެ ފުރުސަތު އޮތްތޯ ބަލައި މޮނިޓަރ ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެ ރޯގާގެ އަސަރު އެއްވެސް މީހެއްގެ ގައިން ފެނިފައިނުވާ ކަމަށް ވެސް ހެލްތު ބުންޏެވެ.