02 Oct 2016, 13:14
ސްޕެއިންގެ ވެލެންސިއާގެ ކޯޗުކަމުގެ މަގާމަށް އިޓަލީ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސެސާރޭ ޕްރަންޑެލީ ހަމަޖައްސައިފި އެވެ.
ވެލެންސިއާގެ ކޯޗުކަމުގެ މަގާމަށް އުމުރުން 59 އަހަރުގެ ޕްރަންޑެލީ ހަމަޖައްސާފައިވާ އިރު، ގެރީ ނެވިލްގެ ބަދަލުގައި ފަހުން އެ ކްލަބުގެ ކޯޗުކަމަށް އައްޔަންކުރި ޕަކޯ އަޔެސްޓެރާން އަށް މަގާމުގައި ދެމިހުރެވުނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.
"ސެސާރޭ ޕްރަންޑެލީއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަން އިއުލާން ކުރަން. ކްލަބުގެ ކޯޗުކަމުގެ މަގާމުގައި 2018 ވަނަ އަހަރުގެ ޖޫން 30ގެ ނިޔަލަށް އޭނާ ދެމިހުންނާނެ،" ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ވެލެންސިއާ އަށް ރަނގަޅު ނަތީޖާތަކެއް ނެރެވެމުންނުދާތީ އަޔެސްޓެރާން މަގާމުން ވަކިކުރުމާ އެކު ވަގުތީގޮތުން އެ ކްލަބަށް އިރުޝާދެމުން ދިޔައީ ވޮރޯ އެވެ. އޭނާ ވަނީ ހަތަރު ފަހަރެއްގެ މަތިން ވަގުތީގޮތުން ވެލެންސިއާ އަށް އިރުޝާދުދީފަ އެވެ.
ރޯމާ އާއި ފިއޮރެންޓީނާ އަދި ގަލަތަސަރާއީ އަށް ކުރިން އިރުޝާދުދިން ކޯޗު ޕްރަންޑެލީ އަކީ ފާއިތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވެލެންސިއާއާ ހަވާލުވާ އަށް ވަނަ ކޯޗެވެ.