އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ރިޒާވް ކަރެންސީ ބާސްކެޓުގައި ޗައިނާގެ ޔުއާން ހިމަނައިފި އެވެ.

އައިއެމްއެފްގެ ރިޒާވް ކަރެންސީ އަކީ ދުނިޔޭގައި އެންމެ ނުފޫޒު ގަދަ ފައިސާގެ ބާވަތްތަކެވެ. އެގޮތުން ޗައިނާއާ އެކު ރިޒާވް ކަރެންސީގެ ގޮތުގައި މިހާރު ހިމެނެނީ އެމެރިކާ ޑޮލަރާއި ޔޫރޯއާއި ޖަޕާނުގެ ޔެންގެ އިތުރުން ބްރިޓިޝް ޕައުޑެވެ.

ރިޒާވް ކަރެންސީއެއްގެ ގޮތުގައި ޗައިނާގެ ޔުއާން ހިމަނާފައިވާ އިރު މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދުގައި އެގައުމުގެ ހިއްސާ ބޮޑު ކަން ދައްކާލުމަށް އެގައުމުން ފަށާފައިވާ ކެމްޕެއިނަށް ވެސް މިވަނީ ކުރިއެރުންތަކެއް ލިބިފަ އެވެ.

އައިއެމްއެފްއިން ރިޒާވް ކަރެންސީ ބޭނުން ކުރަނީ ގައުމުތަކަށް ލޯނު ދޫކުރާއިރު ބޭނުން ކުރާ ކަރެންސީއެއްގެ ގޮތުގައި އެވެ. ރިޒާވް ކަރެންސީގެ ގޮތުގައި ކަރެންސީއެއް އެންމެ ފަހުން ބަލައިގަނެފައި ވަނީ 1999 ވަނަ އަހަރު އެވެ. އެ އަހަރު ބަލައިގެންފައިވަނީ ޔޫރޯ އެވެ.

ޗައިނާގެ ރަސްމީ ފައިސާ ރިޒާވް ކަރެންސީއެއްގެ ގޮތުގައި ބަލައިގަނެފައި މިވަނީ އެގައުމުގެ އަހަރީ ދުވަހުގެ މުނާސަބާއާ ވެސް ގުޅުވާފަ އެވެ.

އެގައުމުގެ މަރުކަޒީ ބޭންކު، ޕީޕަލްސް ބޭންކް އޮފް ޗައިނާއިން ބުނި ގޮތުގައި އައިއެމްއެފްގެ ރިޒާވް ކަރެންސީއެއްގެ ގޮތުގައި ޔުއާން ބަލައިގަތުމުން އޭގެ ދޭހަ ވަނީ އެގައުމުގެ އިގްތިސާދު ކުރިއަރާ މިންވަރު ކަމަށާއި އޭގެ ސަބަބުން ގައުމުގެ މާލީ ދާއިރާ ކުރިއަރާނެ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް ޗައިނާ އިން ބާރުއަޅާނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.