02 Oct 2016, 12:42
ރާމަﷲ(އޮކްޓޯބަރު 2): ފަލަސްތީނުގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި އުފައްދާފައިވާ އިންވެސްޓްމަންޓް ފަންޑުން ބިނާކުރާ އެންމެ ފުރަތަމަ ކާރުޚާނާ ކަމަށްވާ ސިމެންތި އުފައްދާ ކާރުޚާނާއެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ކާރުޚާނާ ބިނާކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މަހްމޫދު އައްބާސް ވިދާޅުވީ، މިއީ މީގެ 20 އަހަރު ކުރިން ދެކެމުންއައި ހުވަފެނެއް ކާމިޔާބުވުން ކަމުގައެވެ.
ފަލަސްތީނުގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި އުފައްދާފައިވާ އިންވެސްޓްމަންޓް ފަންޑުގެ ފުރަތަމަ މަރްޙަލާ އިފްތިތާޙް ކޮށްފައިވާއިރު މިމަރްހަލާގައި 310 މިލިޔަން ޑޮލަރު ހުޅަނގު އައްސޭރީގައި އިންވެސްޓް ކުރާނެއެވެ.
މިފަންޑަށް އިންވެސްޓް ކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ ބެންކްތަކާއި މާލީ އިދާރާތަކާއި ވިޔަފާރިވެރިންނާއި ފަލަސްތީނަށް މާލީގޮތުން އެހީފޯރުކޮށްދޭ ގައުމުތަކެވެ.
ފަލަސްތީނުގެ އިގްތިސާދު ކުރިއެރުވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އިސްރާއީލުގެ އިސްތިޢުމާރުގެ ދަށުގައި ފަލަސްތީނު އޮތުމެވެ. ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި މިހާރުއޮތީ މުޅި ފަލަސްތީނުގެ 23 އިންސައްތަ ބިންކަމަށްވާ ހުޅަނގު އައްސޭރީގެ ބިމާއި ޣައްޒާގެ ބިމެވެ. މީގެތެރެއިން ހާހެއްހާ ހެކްޓަރުގެ ބިންކަމަށްވާ ޣައްޒާގެ ބިންތަކަކީ އިސްރާއީލުގެ ޙިސާރުގެ ދަށުގައިވާ ބިންތަކެކެވެ.
ހުޅަނގު އައްސޭރީގެ ބިންތައްވަނީ އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލްގެ ދަށުގައެވެ. އެބިންތަކުގައި މީގެ 40 އަހަރު ކުރިން ފެށިގެން އިސްރާއީލު ގެންދަނީ ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނެސް ވަޒަންވެރިކޮށް ޔަހޫދީ އަވަށްތައް ބިނާކުރަމުންނެވެ. އަނެއްކޮޅުން އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ މުއްސަނދިންގެ އިންވެސްޓްމަންޓްތަކާއި ރައްޔިތުންގެ އިންފްރާސްޓްރަކްޗަރ ވެސް ހަލާކުކުރަމުންނެވެ.
މިގޮތުން 1990ގެ އަހަރުތަކުގައި ބޭރުގެ އެހީއާއެކު ފަލަސްތީނުން ބިނާކުރި ޣައްޒާގެ އެއަރޕޯޓްގެ ރަންވޭގެ ތާރުތައްވެސް އިސްރާއީލުންވަނީ ހަލާކުކޮށް ބުލްޑޯޒަރު ބޭނުންކޮށްގެން އެރަންވޭގެ ތާރުތައްވެސް ނަގާފައެވެ. އަދި އިސްރާއީލު ބޭނުންކޮންމެ އިރަކު ގެންދަނީ ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށް އިސްރާއީލު ބޭނުންވާ މުއްދަތުތަކަކަށް ޖަލަށްލަމުންނެވެ.
އިސްރާއީލުގެ އިންސާނިއްޔަތާ ޚިލާފު މިޖަރީމާތަކަށް އެމެރިކާއާއި ޔޫރަޕް އޮންނަނީ ލޯމަރާލައިގެންނެވެ. ފަލަސްތީނުގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި އުފައްދާފައިވާ އިންވެސްޓްމަންޓް ފަންޑުން ބިނާކުރާ އެންމެ ފުރަތަމަ ކާރުޚާނާ ކަމަށްވާ ސިމެންތި އުފައްދާ ކާރުޚާނާއަކީ 60 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ. 2018 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ މި ކާރުޚާނާގެ ސަބަބުން ފަލަސްތީނުގެ އެތަށް ސަތޭކަ ބަޔަކަށް ވަޒީފާ ލިބިގެންދާނެއެވެ. ނަމަވެސް މި ކާރުޚާނާ ހުއްޓުވައި އެތަން ހަލާކުކޮށްލުމަކީ އެއްވެސް ހުރަހެއްނެތި އިސްރާއީލަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.
ފަލަސްތީނަށް ބޭނުންވާ ސިމެންތި މިހާރު އެތެރެކުރަނީ އިސްރާއީލުންނާއި ތުރުކީންނާ އަދި އުރުދުން އިންނެވެ. ފަލަސްތީނަށް އަހަރެއްގެ މައްޗަށް 300 މިލިޔަން ޑޮލަރުގެ ސިމެންތި އެތެރެކުރާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ކާރު ޚާނާގެ ސަބަބުން ފަލަސްތީނަށް ބޭނުންވާ ސިމެންތީގެ ތެރެއިން 38 އިންސައްތަ އަމިއްލައަށް އުފެއްދުމުގެ ގާބިލްކަން ފަލަސްތީނަށް ލިބިގެންދާނެއެވެ. އެއީ އަހަރަކު އެއްމިލިޔަން ޓަނުގެ ސިމެންތިއެވެ.
ފަލަސްތީނުގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި އުފައްދާފައިވާ އިންވެސްޓްމަންޓް ފަންޑުން ހިންގަން ތައްޔާރުވާ އަނެއް މަޝްރޫއަކީ 430 މެގަވޯޓުގެ ކަރަންޓް އުފައްދައިދޭ ސްޓޭޝަނެއް ހުޅަނގު އައްސޭރީގައި ގާއިމް ކުރުމުގެ މަޝްރޫއެވެ. މިއީ 600 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ބޭނުންވާ ކަރަންޓްގެ 40 އިންސައްތަ ހާސިލް ކުރެވޭނެއެވެ. (ރޮއިޓާސް)