ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ޅ. ހިންނަވަރުގައި އަޅަން ނިންމާފައިވާ އާ ސިއްހީ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.

ހިންނަވަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ސިއްހީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

އާބާދީގައި 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހިންނަވަރުގައި އަޅާ އާ ސިއްހީ މަރުކަޒަކީ އެ ރަށުގައި މިހާރު ހުރި ސިއްހީ މަރުކަޒު ބާވެ ހަލާކުވަމުންދާތީ، ސަރުކާރުގެ ބަޖެޓުން 10.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުކުރީ ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށެވެ.

އެ ޕްރޮޖެކްޓުގެ ދަށުން އާ އިމާރާތް 240 ދުވަސް (އަށް މަސް) ތެރޭގައި ނިންމަން ޖެހޭއިރު، އާ އިމާރާތުގައި ޒަމާނީ ހެލްތު ސެންޓަރެއްގައި ހުންނަ ހުރިހާ ވަސީލަތްތަކާ އެކު ލެބޯޓްރީއަކާއި އިމަޖެންސީ ރޫމެއްގެ އިތުރުން ވޯޑުތަކާއި ލޭބާ ރޫމެއް ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައުދުﷲ ހިލްމީ ވިދާޅުވީ، ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ، މިހާރު ހުރި ސިއްހީ މަރުކަޒަށް ވުރެ އަލަށް ހަދާ އިމާރާތުގައި ހުންނަ ވަސީލަތްތައް އިތުރުވާނެ ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖޭގެ ރަށްތަކަށް ބޭނުންވާ 28 އެމްބިއުލާންސް ގެނައުމުގެ ޕްރޮޖެކްޓުގެ ދަށުން އެމްބިއުލާންސެއް ހިންނަވަރު ސިއްހީ މަރުކަޒަށް ހަވާލުކޮށްފައިވެ އެވެ.