ޗެލްސީގެ ކުޅުން ރަނގަޅުވެ އެނބުރި ފޯމަކަށް އެޅެމުން އަންނައިރު، އެޓީމުގެ ސްޕެއިން ފޯވާޑް ޑިއެގޯ ކޮސްޓާގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދާކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން ކޮސްޓާ ވަނީ އޭނާ އެންމެ ފަހުން ޗެލްސީއަށް ކުޅުނު އަށް މެޗުގައި ޖުމުލަ ހަ ލަނޑު ޖަހައި، ކޯޗު އެންޓޯނިއޯ ކޮންޓޭގެ ސަމާލުކަން ހޯދައިފައެވެ.

ހަލް ސިޓީގެ ކޭސީ ސްޓޭޑިއަމްގައި ރޭ، އެޓީމާ ދެކޮޅަށް ޗެލްސީ ކުޅުނު ޕްރިމިއަ ލީގު މެޗުން 2-0 ލަނޑުން ޗެލްސީ މޮޅުވި އިރު، އެމެޗުގައި ވެސް ކޮސްޓާ ވަނީ ލަނޑެއް ޖަހައިފައެވެ. ފުރަތަމަ ހާފުގައި ހަލް ކުޅުން ރަނގަޅުކަމަށް ފާހަގަކުރެވުނު ނަމަވެސް، ދެވަނަ ހާފުގައި ޗެލްސީ ވަނީ ކުޅުން ރަނގަޅުކޮށް ހަ މިނިޓް ތެރޭ ދެލަނޑު ޖަހައިފައެވެ. އެގޮތުން 61 ވަނަ މިނިޓްގައި ވިލިއަން އެޓީމަށް ފުރަތަމަ ލަނޑު ޖަހައިދިންތާ ހަ މިނިޓްފަހުން ކޮސްޓާ ވަނީ ވަރަށް ރީތި ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ.

ކޮސްޓާގެ ކުޅުން ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން ދާއިރު، އެކަމާ އެންމެ ބޮޑަށް އުފާވާ މީހަކީ ކޯޗު ކޮންޓޭއެވެ. އަދި މުހިއްމު މެޗުތަކުގައި ކޮސްޓާގެ ފަރާތުން އެފަދަ ކުޅުމެއް ފެންނަމުން ދާތީ ވަރަށް ހިތްހަމަ ޖެހޭކަމަށް ކޮންޓޭ ބުންޏެވެ.

ކޮސްޓާއަކީ އޭނާ ކުޅޭ ކޮންމެ މެޗެއްގައި ވެސް ލަނޑު ޖެހުމުގެ ގާބިލްކަން ހުރި ކުޅުންތެރިއެއް ކަމަށާއި އެއީ ޓީމަށް ވެސް އަދި ކޮސްޓާއަށް ވެސް އޮން ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކޮންޓޭ ބުންޏެވެ.

"އޭނާ އަހަރެމެންނަށް ހަ ލަނޑު ޖަހައިދީފި، އެކަމަކު އެ ޑިއެގޯއަކީ، އޭނާ ކުޅޭ ކޮންމެ މެޗެއްގައި ވެސް ލަނޑުޖަހާނޭ ފުރުސަތު ތަނަވަސް ކުރާ ކުޅުންތެރިއެއް. އޭނާގެ ހަމަ އެކަނި ފާހަގަކުރާން ޖެހޭކަމަކީ ލަނޑު ޖެހުމެއް ނޫން، ޓީމަށް އޭނާ ކޮށްދޭ ބުރަ މަސައްކަތް ފާހަގަކުރާން ޖެހޭ،" ކޮސްޓާއާ ބެހޭގޮތުން ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ، އެޑެން ހާޒާޑާއި ވިލިއަމް، އަދި ކޮސްޓާ ގުޅިގެން ހިތްވަރާއެކު ނަތީޖާ ނެރެން މަސައްކަތްކުރުމަކީ އޭނާއަށް މިވަގުތު އެންމެ މުހިއްމު މަސައްކަތް ކަމަށާއި، އެގޮތަށް މަސައްކަތް ކުރެވިއްޖެ ނަމަ ލަނޑު ޖަހާނޭ ކިތަންމެ ފުރުސަތެއް ތަނަވަސް ކުރެވޭނޭ ކަމަށެވެ.

"އަހަރެން ހިތްހަމަ ޖެހެނީ ހަމައެކަނި ކޮސްޓާއާ ދޭތެރެއަކު ނޫން. ވިލިއަން އާއި ހަޒާޑުގެ ކުޅުންވެސް ފާހަގަކުރެވޭ. އެ ދެކުޅުންތެރީންގެ ފަރާތުންވެސް އަންނަނީ އަހަރެން ބޭނުންވާފަދަ ކުޅުމެއް ފެންނަމުން،" ޗެލްސީގެ ކޯޗް ބުންޏެވެ.

ކޮންޓޭ ބުނީ، ބައިކޮޅަށް ލަނޑެއް ވަނަ ނުދީ، މެޗު ކާމިޔާބުކުރެވުމަކީ މުޅި ޓީމުގެ ފަރާތުންވެސް ފާހަގަކޮށްލެވޭ ފަދަ ކުޅުމެއް ފެނިގެން ދިޔަ ކަމުގެ ހެއްކެއް ކަމަށާއި، އެގޮތުގައި މެޗުތަކުން މޮޅުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ މިހާތަނަށް ހަތް މެޗު ކުޅެފައި ވާއިރު އެޓީމު އޮތީ 13 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަ ވަނައިގައެވެ.