02 Oct 2016, 12:10
ރަޝިއާ ބަލިކޮށް، އާޖެންޓީނާ އިން ފުރަތަމަ ފަހަރަށް ފީފާ ފުޓްސަލް ވޯލްޑް ކަޕް ކާމިޔާބުކޮށްފި އެވެ.
ކޮލަމްބިއާގައި ކުރިއަށް ދިޔަ މި އަހަރުގެ ފުޓްސަލް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކޮށްފައި ވަނީ ފައިނަލުގައި ރަޝިއާގެ މައްޗަށް 5-4 ލަނޑުން ކުރި ހޯދައިގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް އެޑާ ލިމާ ރަޝިއާ އަށް ލީޑު ހޯދައިދިން ނަމަވެސް، މާ ގިނައިރުތަކެއް ނުވަނީސް އަލަމިރޯ ވެޕޮރަކީ ވަނީ އާޖެންޓީނާ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 4-5 ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އާޖެންޓީނާ ---
މެޗުގައި އާޖެންޓީނާ އިން ފަހުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން އެލަން ބްރޭންޑީ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ވެޕޮރަކީ އާއި ލިއަންޑްރޯ ކުޒޮލީނޯ ވެސް ލަނޑެއް ކާމިޔާބުކުރި އެވެ. ރަޝިއާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އެޑާ ލިމާ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ފުރިހަމަކުރި އިރު، ލީސްކޯވް ވެސް ލަނޑެެއް ކާމިޔާބުކުރި އެވެ.
ނިމިގެން ދިޔަ މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ ފުޓްސަލް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދާފައި ވަނީ އީރާން އެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އާޖެންޓީނާގެ ފެނާންޑޯ ވިލްހެލްމް ހޮވުނު އިރު، އެންމެ ގިނަ ލަނޑު ޖަހައި ރަން ބޫޓު ހޯދާފައިވަނީ ޕޯޗުގަލްގެ ރިކާޑީނިއޯ އެވެ.