06 Jun 2011, 18:58
ޓެކްސްގެ ނިޒާމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާއި އަދި މުޅިން އަލަށް ސަރުކާރުން ނަގަން ގަސްތުކުރާ ޓެކްސްގެ ބިލްތައް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމިޔަސް ފިކުރު ބޮޑުވަނީ ޓެކްސްއިން ނެގޭ ފައިސާ ސަރުކާރުން ހަރަދު ކުރާނެ ގޮތާ މެދުގައި ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޓެކްސްގެ ފައިސާއާ މެދު ސަރުކާރުން ހަރަދު ކުރާ ގޮތާމެދު ސުވާލު އުފައްދައި މިއަދު ތަސްމީން ނެރުއްވި ނޫސްބަޔާނުގައިވާ ގޮތުގައި، އެޕާޓީން ޓެކްސްގެ ނިޒާމަށް ތާއީދުކުރެ އެވެ.
"ސީދާ ގޮތުން ޓެކްސް ނެގުމަކީ އޭގެ ޒާތުގައި ހަމަހަމަ ކަމާއި ގައުމުގައި އުފެދިފައިވާ ފަގީރުންނާއި މުއްސަދިންގެ ދެމެދުގައިވާ ފަރަގު ހަނިކުރުމުގައި މުހިންމު ދައުރެއް އަދާކުުރާނެ ކަމެވެ. އަދި އެއީ މިހާރު ނަގަމުންދާ އިންޕޯޓް ކުރެވޭ މުދަލުން ނަގާ ޑިއުޓީއަށް ވުރެން މުޖުތަމައުގެ އަދާލަތަށް މަގުފަހިވާނެ ނިޒާމެކެވެ،" ތަސްމީންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް، ފިކުރު ބޮޑުވަނީ ޓެކްސް އިން ނެގޭ ފައިސާ ސަރުކާރުން ހަރަދު ކުރާނެ ގޮތާ މެދު ކަމަށް ތަސްމީން ވިދާޅުވެފައި އެވެ. އެގޮތުން ފާއިތުވެގެން ދިޔަ އަހަރު ވެސް ދައުލަތުގެ ބަޖެޓްގެ 66 ޕަސެންޓަށް ވުރެ ގިނަ އަދަދެއް ހަރަދުކޮށްފައި ވަނީ ރިކަރެންޓު ހަރަދުގެ ގޮތުގައި ކަމަށް އެނާ ފާހަގަކުރައްވާފައިވެ އެވެ.
ޓެކްސްއިން ނެގޭ ފައިސާ ހަރަދު ކުރާ ގޮތާމެދު ފާރަވެރިވުމަކީ އިދިކޮޅުފަރާތްތަކުގެ ޒިންމާއެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
"ރައްޔިތުންގެ އަތުން ނެގޭ ޓެކްސްގެ ފައިސާއިން ގައުމުގެ އިގުތިސާދަށް ފައިދާހުރި އުފެއްދުން ތެރި މަސަތްކަތްތަކަށް ހަރަދުކުރުމަކީ ތަރައްގީވުމަށް މަސައްކަތްކުރާ ގައުމަކަށް ލާޒިމް ކަމެކެވެ. މިކަމުގައި ފާރަވެރިވުމަކީ އިދިކޮޅުފަރާތްތަކުގެ ޒިންމާއެއް ކަމުގައި ދެކެމެވެ،" ތަސްމީން ވިދާޅުވި އެވެ.
ވިޔަފާރިއާ ގުޅުން ހުރި ބިލްތަކާ ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނީ ތިން ފިޔަވަސްއަކަށް ބަހާލައިގެންނެވެ. އެ ގޮތުން މިމަހުގެ އެކަކުން ފެށިގެން މި މަހުގެ 15 އާ ހަމަޔަށް ޓެކްސް ނެގުމާ ބެހޭ ގާނޫންތަކުގެ ބިލްތައް ހުށަހަޅުމަށް ނިންމާފައިވެ އެވެ. އަދި މި މަހުގެ 15 ން 30 އަށް ވިޔަފާރިއާ ގުޅޭ ގާނޫންތަކުގެ ބިލްތަކާއި ބިމާ ގުޅޭ ގާނޫންތަކުގެ ބިލްތަކާއި ރަހުނާ ގުޅޭ ގާނޫންތަކުގެ ބިލްތަކާއި ދައުލަތުގެ ބަޖެޓާ ގުޅޭ ޒިންމާ ކަނޑެޅުމުގެ ބިލެއް ހުށަހަޅަން ވެސް ނިންމާފައިވެ އެވެ. އަދި އަންނަ މަހުގެ 1-15 އަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިއާ ގުޅޭ ބިލްތައް ހުށަހަޅުންވަން ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރައީސް ނަޝީދު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެ އެވެ.