ފިޓްނަސް އާއި ކުޅުމުގެ ފެންވަރަށް އަސަރުކޮށް ޓީމުގެ ފުރަތަމަ 11ގައި ނުހިމެނުނު ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަނެއްގެ ގޮތުގައި ހުންނާނީ ވޭން ރޫނީކަމަށް ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަ ލީގުގައި އެންމެ ފަހުން ލެސްޓާ ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗާއި، އޭގެ ފަހުން ޔޫރޮޕާ ލީގުގައި ޒޮރްޔާ ލުހާންސްކާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ވެސް ޔުނައިޓެޑްގެ ފުރަތަމަ 11އިން ރޫނީ ފެނިފައެއް ނުވެއެވެ.

މޮރީނިއޯ ބުނީ، އެގޮތަށް ބެންޗުގައި މަޑުކޮށްލަން ޖެހުނު ނަމަވެސް، ކެޕްޓަން ބޭންޑު ގެއްލިދާނޭކަމަށް ރޫނީ އެއްގޮތަކަށް ވެސް ހާސްވާން ނުޖެހޭ ކަމަށެވެ.

"ރޫނީއަކީ ކެޕްޓަން. ހެޔޮ ކޮންމެގޮތަކަށް ކަންކަން ދިޔަޔަސް،" ރިޕޯޓަރުންނަށް މޮރީނިއޯ ބުންޏެވެ.

"އެއީ މައްސަލައެއް ނޫން، އޭނާ (ރޫނީ) ދަނޑުމަތީގަ ހުއްޓަސް، ދަނޑުން ބޭރުގަ ހުއްޓަސް. އޭނާއަށް އެންމެންގެ އިހުތިރާމާއި އެއްބާރުލުން އޮންނާނެ. މެންޗެސްޓާ ޔުނައިޓެޑްގެ މީހަކީ އެއީ. އެއީ މޮޅުވާން ބޭނުންވާ، ވަރުގަދަ ޕްރޮފެޝަނަލް ކުޅުންތެރިއެއް. އަހަރެމެން ލަނޑު ޖެހުމުން، ބެންޗުގަ ހުރެގެންވެސް އޭނަ އުފާފާޅުކުރޭ."

މޮރީނިއޯ ބުނީ، ރޫނީ ދަނޑުމަތިން ނުފެނުނު ކަމުގައި ވީނަމަވެސް، ބެންޗުގައި ހުރެގެންވެސް ކުޅުންތެރީންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށާއި، ކުޅުންތެރީންނަށް ހިތްވަރު ދިނުމުގައި އަވަދި ނެތި އުޅޭކަމަށެވެ. އަދި ވޭތުވެ ދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ 11އިން ނުފެނުނު ނަމަވެސް، ޑްރެސިންގ ރޫމްގައި ވެސް ކުޅުންތެރީންނަށް ހިތްވަރު ދިނުމުގައި ރޫނީ އަވަދި ނެތި އުޅޭކަމަށެވެ.

ރަނގަޅަށް ފިޓްވެގެން ރޫނީ އެނބުރި ޓީމަށް އަންނާނެކަމާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

"އެއީ އަހަރެމެންގެ މީހަކީ. އޭނާ އަހަރަމެންނަށް ގޯލް ޖަހައިދޭނެ، އަދި ހިތްވަރާއެކު މަސައްކަތްކުރާނެ. އެއީ ޝައްކެއް އޮތްކަމެއް ނޫން،" ބެންޗަށް ރެލިގޭޓްކޮށްފައިވާ ކެޕްޓަން ރޫނީއާ ބެހޭގޮތުން ކޯޗޮ މޮރީނިއޯ ބުންޏެވެ.