ލަންޑަން (އޮކްޓޯބަރ 2) : އިނގިރޭސިވިލާތް ޚާރިޖީގޮތުން ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ ގައުމަކަށްވެގެންދާނީ ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުން ކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރިސާ މޭ ވިދާޅުވެއްޖެ އެވެ.

ލަންޑަންގައި ނުކުންނަ ސަންޑޭ ޓައިމްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ތެރީސާ މޭ ވިދާޅުވީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިވުމަށް ފާސްކޮށްފައިވާ ގާނޫނު ކައިރި މުސްތަގްބަލެއްގައި އުވާލާނެ ކަމުގެ ޔަގީންކަން އޭނާގެ ސަރުކާރުން ރައްޔިތުންނަށްދޭ ކަމުގަ އެވެ. އެގާނޫނުގެ ސަބަބުން އިނގިރޭސި ސަރުކާރުން ބޭނުންވާ އެތައް ނިންމުންތަކެއް ނިންމުމުގެ ފުރްސަތު ނެތިންގެންގޮސްފައިވާ ކަމަށާ އަދި އިނގިރޭސިވިލާތް ބޭނުންނުވި ނަމަވެސް ޔޫރަޕްގެ އިއްތިޙާދުން ނިންމާ ބައެއް ނިންމުންތަކަށް ބޯލަނބަން ޖެހުމަކީ އަމިއްލަ މިނިވަންކަމާއި ސިޔާދަތަށް ލޮޅުންއަރާ ކަމެއް ކަމަށް ތެރީސާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިވުމަށް ފާސްކޮށްފައިވާ ގާނޫނަކީ ޔޫރަޕިޔަން ކޮމިއުނިޓީގައި ބައިވެރިވުމަށް އިނގިރޭސި ހައުސް އޮފް ކޮމަންސުން 1972 ގައި ފާސްކޮށްފައިވާ ގާނޫނެވެ. ޔޫރަޕިޔަން ކޮމިއުނިޓީ، ކޮމަންމާކެޓް އަށް ބަދަލުކުރުމާ އަދި އެއަށް ފަހު ޔޫރަޕްގެ އިއްތިޙާދަށް ބަދަލުވުމާ ގުޅިގެން އެ ގާނޫނަށް ބަދަލުތައް ގެނަސްފައިވެ އެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އެގައުމުގެ ރައްޔިތުން ދާދިފަހުންވަނީ ވޯޓުން އާނބަސް ބުނެފަ އެވެ. މިއާއެކު ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ވާހަކަތައް ފެށުމަށް އިނގިރޭސި ސަރުކާރުން ގެންދަނީ ތައްޔާރުވަމުންނެވެ. އިނގިރޭސިވިލާތުގެ ގިނަ ބަޔަކު ޔޫރަޕްގެ އިއްތިޙާދުން ވަކިވާން ބޭނުންވީ އެއްސަބަބަކީ އެއިއްތިހާދަށް ޖަރުމަނާއި ފަރަންސޭސިވިލާތުގެ ނުފޫޒު ގަދަވެފައި އިނގިރޭސީންގެ ބަސް އެއިއްތިޙާދުގައި ނުވިކުމެވެ.

މީގެ އިތުރުން ޔޫރަޕްގެ އިއްތިޙާދުގެ މެންބަރު ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމުން އެގައުމަށް މާލީގޮތުން އަހަރަކު އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުންވާ ކަމަށް އެކަމާ އިދިކޮޅު ހަދާ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް ޔޫރަޕްގެ އިއްތިޙާދުގެ މެންބަރު ގައުމެއްގެ ގޮތުގައި އޮތުމުގެ ސަބަބުންވާ ގެއްލުންތަކުގެ ބަދަލުގައި ވިޔަފާރީގެ އެތަށް ފައިދާއެއް ނުސީދާގޮތެއްގައި އިނގިރޭސިވިލާތަށް ލިބެމުންދާކަމަށް އެކަމަށް ތާއީދުކުރާ ފަރާތްތަކުން ދެކެ އެވެ.

ޔޫރަޕްގެ އިއްތިޙާދުގެ އަމާޒަކީ މުޅި ޔޫރަޕް އިއްތިޙާދީ އެއްގައުމުގެ ގޮތުގައި ހަރަކާތްތެރިވެވޭނެ ގޮތެއް ހެދުމެވެ. ނަމަވެސް މިއީ ހާސިލްކުރެވޭނެ އަމާޒެއްނޫންކަން ހާމަވަމުންދަނީ ޔޫރަޕްގެ ގައުމުތަކަށް ޚާރިޖީ ކަންކަމުގައި އެއްގަލަކަށް ނޭރޭތީ އެވެ. ވިޔަފާރިއާއި އިގްތިސާދީ ކަންކަމުގައި އެއްގަލަކަށް އެރުނު ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކަކީ ޚާރިޖީ ކަންކަމުގައި ތަފާތު ވިސްނުންތަކެއް ގެންގުޅޭ ގައުމުތަކެކެވެ.

މީގެ އިތުރުން ޔޫރަޕްގެ އިއްތިޙާދުގެ މުއްސަނދި ގައުމުތަކުން އެއިއްތިޙާދުގެ ފަގީރު ގައުމުތަކަށް މާލީ އަދި އިގްތިސާދީ އެހީތެރިކަން ދޭންޖެހުމަކީ ބޮޑު މައްސަލައެކެވެ. ޔޫރަޕްގެ ގިނަ ގައުމުތަކަކީ ގުދްރަތީ ވަސީލަތްތައްމަދު އަދި އާބާދީ މުސްކުޅިވުމުގެ ސަބަބުން ޚަރަދުތައް ބޮޑުވެ އުފެއްދުންތެރިކަން ދަށަށްގޮސްފައިވާ ގައުމުތަކެކެވެ.

އިސްތިޢްމާރުގެ ޒަމާނުގައި ފަގީރު ގައުމުތަކުން ނުއަގުގައާއި ނަހަމަގޮތުގައި ހޯދާ ރޯމެޓީރިއަލް ހޯދައިގެން މުއްސަނދި ވުމުގެ ޒަމާން ޔޫރަޕްގެ ބާރުތަކަށް މިހާރު ވަނީ މާޒީވެފަ އެވެ. އަދި ޗައިނާއާއި އިންޑިޔާއާއި ބްރަޒީލް އާއި ކޮރެޔާ ފަދަ ގައުމުތައް އިގްތިސާދީ ބާރުތަކަށް ވާންފެށުމުންނާއި އެފްރިކާގެ ގައުމުތަކާ އެނޫން ވެސް ކުދިގައުމުތަކުގައި ޗައިނާ ވަރުގަދައަށް އިންވެސްޓް ކުރާން ފެށުމުން ޔޫރަޕްގެ އިގްތިސާދަށްވަނީ ދުނިޔޭގެ މާކެޓުން ފުރްސަތުތައް ގެއްލި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. (ނޫސްއެޖެންސީތައް)