02 Oct 2016, 11:17
ބޮލީވުޑްގެ ހުނަރުވެރި ދެ ފަންނާނުން ކަމުގައިވާ ރިތިކް ރޯޝަން އަދި ކަންގަނާ ރަނައުތުގެ ދެމެދުގައި އުފެދިފައިވާ ކޯޅުމަކީ ގިނަ ބަޔަކު ސިއްސުވާލި ކަމެކެވެ. ދެމީހުން އެކަކު އަނެކަކަށް ބަހުގެ ހަމަލާތަކެއް ދިން ނަމަވެސް، ރިތިކް ފެނިގެން ދިޔައީ ކުޑަކޮށް ލޮނު މަޑުކޮށެވެ.
ކަންގަނާ ތަފާތު ވާހަކަތަކެއް ދައްކަމުން ދިޔަ އިރު، އެ ވާހަކަތަކާ ވިއްދައި ރިތިކް މާ ގިނަ ވާހަކަތަކެއް ދައްކައިފަ އެއް ނުވެ އެވެ. އެހެންކަމުން، ހަނގުރާމައިން ކުރި ހޯދީ ކަންގަނާ ކަމަށް ގިނަ ބަޔަކު ވަނީ ނިންމައިފައެވެ.
ނަމަވެސް ރިތިކްގެ ބައްޕަ، އަދި ކާމިޔާބު ޕްރޮޑިއުސަރު ރާކޭޝް ރޯޝަން ވަނީ، ރިތިކް ކަންގަނާ އާ ގުޅޭގޮތުން ވާހަކަ ދައްކައި ހަގީގަތް ހާމަކޮށްފި ނަމަ އެންމެނަށް ސިހުން ލިބޭނެ ކަމަށް ބުނެފައެވެ.
އިންޑިއާގެ ކާމިޔާބު ލިޔުންތެރިޔާ ޗޭތަން ބަގަތުގެ އެންމެ ފަހުގެ ފޮތް، "ވަން އިންޑިއަން ގާލް" ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ކަންގަނާ ބައިވެރިވި އިރު، ނޫސްވެރިން ވަނީ ރާކޭޝްގެ ވާހަކަތަކާ ގުޅިގެން ކަންގަނާއަށް ސުވާލުތައް ކުރިމަރި ކުރުވައިފައެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ކަންގަނާ ވަނީ ރިތިކަށް އަމިއްލަ ދިފާއުގައި ވާހަކަ ނުދެއްކޭ ކަމަށް ބުނެ އޭނާއަށް މަލާމާތް ކޮށްފައެވެ.
"ފިރިހެނުންނަށް ކީއްވެތަ އަމިއްލައަށް ދިފާއު ނުވެވެނީ. ރިތިކް އަކީ 43 އަހަރު ވެފައި ހުރި ފިރިހެނެއް. އަހަންނަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ މިކަހަލަ ކުދިކުދި ކަންކަމުގައި ވެސް އޭނަގެ ދިފާއުގައި އޭނަގެ ބައްޕަ ވާހަކަ ދައްކައި، އޭނަ ސަލާމަތް ކޮށްދޭން ޖެހޭ ސަބަބެއް،" ކަންގަނާ ބުންޏެވެ.
ރިތިކް މިހާރު އުޅެނީ އޭނާގެ ފިލްމު "ކާބިލް"ގެ މަސައްކަތުގައި ވަރަށް އަވަދިނެތި އެވެ.
އޭނާ އާ ގާތް މީހަކާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން، ރިތިކްގެ ގާނޫނީ ޓީމުން މިހާރު ވަނީ ކަންގަނާ އާ ދެކޮޅަށް ވަރަށް ގިނަ މައުލޫމާތު ހޯދައި، ދިފާއު ވަރަށް ވަރުގަދަ ކޮށްފައެވެ. އަދި ވަރަށް އަވަހަށް ހުރިހާ އެއްޗެއް ހާމަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.