މީގެ ކުރިން ދޮންވާން ބޭނުންކުރާ ބިއުޓީ ޕްރޮޑަކްޓް ތައް އިސްތިހާރުކޮށް އެފަދަ ޕްރޮޑަކްޓު ތަކުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ބޮލީވުޑްގެ އެކްޓްރެސް ސޮނާލީ ބެންޑްރޭ، މީގެ ފަހުން އެފަދަ އެއްވެސް ކްރީމެއް އިސްތިހާރު ނުކުރާނެ ކަމަށް ބުނެފިއެވެ.

ދޮންވާން ބޭނުންކުރާ ކްރީމްތައް އިސްތިހާރު ނުކުރާނެ ކަމަށް ސޮނާލީ ނިންމާފައި ވަނީ ކަލާސް ޓީވީ އިން ގެނެސްދޭ 'ކޮމެޑީ ނައިޓްސް ބަޗާއޯ'ގައި ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ތަނިޝްތާ ޗަތަރްޖީގެ ހަމުގެ ކުލަ ކަޅުވުމުން އޭނާއަށް މަލާމާތް ކުރުމުންނެވެ.

މުމްބާއީގައި ކުރިއަށް ދިޔަ އިވެންޓެއްގައި އެ ހާދިސާއާ ގުޅިގެން އެއްޗެއް ބުނުމަށް ނޫސްވެރިޔަކު އެދުމުން ސޮނާލީ ބުނީ މީހެއްގެ ހަމުގެ ކުލަޔަށް ޖޯކު ޖެހުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ މީހުންނަށް މިހާރު އެފަދަ ކަންކަން ވިސްނޭތީ. އަހަރެން މީގެ ކުރިން ދޮންވާ ކްރީމް އިސްތިހާރު ކުރި ނަމަވެސް، މީގެ ފަހުން ދެން ނުކުރާނަން،" ސޮނާލީ ބުންޏެވެ.

ސޮނާލީ ބުނީ ކުރިން އެފަދަ އިސްތިހާރުތައް ކުޅުނީ ނުވިސްނޭތީ ކަމަށެވެ.

"އޭރު ވަރަށް ކުޑަ. އަދި އޭރު ހުރީ ފައިސާ ބޭނުންވެފައި. އެހެންވީމާ އެހާ ވަރަށް ނުވިސްނާ ކުރެވުނު ކަމެއް އެއީ،" ސޮނާލީ ބުންޏެވެ.