ހަލަބު(އޮކްޓޯބަރު 2): ސީރިއާގެ އަލެއްޕޯގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އިރުމަތީ ސަރަހައްދުގައިވާ އެންމެ ބޮޑު ހޮސްޕިޓަލަށް އިއްޔެ ބޮމުގެ ހަމަލާތައް ދީފި ކަމަށް އެހޮސްޕިޓަލް ހިންގާ ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީން ބުނެފި އެވެ.

އެމް10ގެ ނަން ދީފައިވާ އެ ހޮސްޕިޓަލަށާއި އެ ސަރަހައްދުގައިވާ ދެވަނައަށް އެންމެ ބޮޑު ހޮސްޕިޓަލަށްވެސް މިދިޔަ ބުދަ ދުވަހު ވަނީ ބޮމުގެ ހަމަލާތައް ދީފައެވެ.

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވަނީ އެއީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ވިދާޅުވެފައެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ބުދަ ދުވަހުގެ ހަމަލާއަށް ފަހު އެމް10 ހޮސްޕިޓަލުގެ އެއް ފަޅި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި އިއްޔެ ދިން ހަމަލާއަށް ފަހު ހޮސްޕިޓަލް އެއްކޮށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ވަނީ އިއްޔެ ދިން ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ހަމަލާގައި މަރުވީ ބަލި މީހެއް ކަމެއް ނުވަތަ މުވައްޒަފެއް ކަމެއް އަދި ކަށަވަރުވެފައި ނުވާ ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދުތަކުގައި މީހުން ސަލާމަތްް ކުރުމަށް ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސްއިން ބުނި ގޮތުގައި ހޮސްޕިޓަލަށް ހަމަލާދިން އިރު އެތަނުގައި 60 ބަލި މީހުން ތިއްބެވެ. އޭގެ ތެރެއިން ތިން މީހެއްގެ ހާލު ވަރަށް ދެރަވެފައިވާ ކަމަށާއި ހޮސްޕިޓަލުގައި ތިބި ބަލި މީހުން މިހާރު އެސަރަހައްދުގައިވާ ކުޑަ ކްލިނިކަކަށް ބަދަލުކޮށްފައިވާ ކަމަށް ވައިޓް ހެލްމެޓްސްއިން ބުންޏެވެ.

އެމެރިކާ އާއި ރަޝިއާ މެދުވެރިވެގެން ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ހަދާފައި އޮތް އެއްބަސްވުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ނިމުމަކަށް އައުމުން ސީރިއާގައި އަނެއްކާވެސް ހަމަލާތައް ފެށި، މަރުވި މީހުންގެ އަދަދު 320ށް ވުރެ އިތުރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެއެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 100 ކުޑަކުދިން ހިމެނޭ ކަމަށް ޔުނިސެފުން ބުންޏެވެ. (އަލްޖަޒީރާ)