02 Oct 2016, 10:38
ރާއްޖޭގެ ދާޚިލީ ހަމަޖެހުމަކީ މުޅި ގައުމުގެ ހަމަޖެހުން ކަމަށާއި ދާޚިލީ ހަމަޖެހުން ދެމެހެއްޓުމުގައި ދިވެހި ކޮންމެ ފަރުދެއްގެ ވަފާތެރިކަން ގައުމަށް ވަރަށް މުހިއްމު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެއެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވުމުގެ ގޮތުން ދެއްވި މެސެޖުގައި އަރީފް ވިދާޅުވީ، މާޒީގެ ސަފްހާތަކަށް ބަލާލާއިރު ދިވެހިންގެ މިނިވަންކަމަށް އަރައިގަންނަން ބޭރުގެ ނުފޫޒުތަކުން މަސައްކަތް ކޮށްފައި ހުރިކަން އެނގޭ އިރު އެ ނުބައި ރޭވުންތަކުން ރާއްޖެ ސަލާމަތްވެފައިވަނީ ދިވެހީންގެ އީމާނާއި، އިޚްލާޞްތެރި ދުޢާގެ ހަތިޔާރުން ކަމަށެވެ.
ދިވެހިޤައުމުގެ ދާޚިލީ ހަމަޖެހުމަކީ މުޅި ޤައުމުގެ ހަމަޖެހުން. މި ހަމަޖެހުން ދެމެހެއްޓުމުގައި ކޮންމެ ފަރުދެއްގެ ވަފާތެރިކަން މުހިންމު. ކޮންމެ ރައްޔިތެއްގެ އެހީތެރިކަން މުހިންމު. ކޮންމެ ފުލުހެއްގެ ނުގުޑާނޭ ޢަޒުމާއި ސާފު އީމާންތެރިކަން ނިހާޔަތަށް މުހިންމު.ސީޕީ އަހުމަދު އަރީފް
އަރީފް ވިދާޅުވީ، ރާއްޖެ ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިޔަ ކޮންމެ ފަހަރަކު އެ ގެއްލުން ރާއްޖެއަށް ލިބިފައިވަނީ، ދިވެހީންގެ ތެރެއިން ޤައުމާއި ދީނަށް ޚިޔާނާތްތެރި ބަޔަކު ބޭރުގެ ޢަދާވާތްތެރީންގެ ހެއްލުންތެރި ރޭވުންތަކުގައި ޖެހުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް ދިވެހީން އިސްވެ ބޭރުގެ ނުފޫޒުތަކަށް ދިން ދަޢުވަތުތަކުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެން ފުލުހުންގެ ޒިންމާއަކީ ދިވެހި ޤައުމުގެ ދާޚިލީ ހަމަޖެހުން ދެމެހެއްޓުމެވެ. ފުލުހުންގެ ތާރީޚުގައި އެ ކަމަށްޓަކައި އެންމެ ފުރަތަމަ ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހިފައި ވަނީ ވެސް ބޭރުބައެއްގެ އަތް މައްޗަށް ދިވެހީން ދީލިގެން ގޮސް، އުފެދުނު ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ. އެއީ ބުންބާ މީހުން ރާއްޖޭގައި ތިބި ދުވަސްވަރު، އެ މީހުން ކުރި ހަޅުތާލެއް ހައްލުކުރުމުގައެވެ. އެއީ ވެސް އިނގިރޭސީންގެ ރައްޔިތުންގެ ނަމުގައި އެ މީހުން ތިބިތިބުމެއްގައެވެ." ކޮމިޝަނާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ކޮމިޝަނާ އަރީފް ވިދާޅުވި ގޮތުގައި ފުލުހުން މިއަދުވެސް ތިބީ އެގޮތުގެ މަތީގައެވެ. އަދި ފުލުހުން ތިބުމަށް އެދެނީވެސް އެގޮތުގެ މަތީގައި ކަމަށާއި ފުލުހުންގެ ހުވަޔާއި ފުލުހުންގެ ޢަޒުމާއި ފުލުހުންގެ ޤާނޫނު އަބަދާއި އަބަދު ހަނދާންކޮށްދޭ އުފާވެރި ވާޖިބާކީ އެއީ ކަމަށްވެސް އަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އަރީފް ވަނީ ދިވެހިޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދިފާޢުކުރުމުގައި އެންމެން އެއް ޢަޒުމެއްގައި ދެމި ތިބުމަށް ގޮވާލާފައެވެ. އަދި ބޭރުގެ އަޑި ނުބައި ނުފޫޒުތަކުގެ ރޭވުންތައް މޭރުންވާ ހޭލުންތެރި ބަޔަކަށް ވުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.
" ދިވެހިޤައުމުގެ ދާޚިލީ ހަމަޖެހުމަކީ މުޅި ޤައުމުގެ ހަމަޖެހުމެވެ. މި ހަމަޖެހުން ދެމެހެއްޓުމުގައި ކޮންމެ ފަރުދެއްގެ ވަފާތެރިކަން މުހިންމެވެ. ކޮންމެ ރައްޔިތެއްގެ އެހީތެރިކަން މުހިންމެވެ. ކޮންމެ ފުލުހެއްގެ ނުގުޑާނޭ ޢަޒުމާއި ސާފު އީމާންތެރިކަން ނިހާޔަތަށް މުހިންމެވެ." އަރީފްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ފާއިތުވީ ތަނުގައި ވެސް ރާއްޖޭގެ ދާޚިލީ އަމްނު ބެލެހެއްޓުމުގައި ދިވެހި ރައްޔިތުން ދެއްވި އެއްބާރުލުން ބޮޑުކަން ފާހަގަކުރައްވަމުން އަރީފް ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް އެ އެހީތެރިކަން ދިވެހި ފުލުހުން އެދޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.