ޕާކިސްތާން ފަންނާނުންނަކީ ޓެރަރިސްޓުން ނޫން ކަމަށް ބުނެ އެ މީހުންގެ ދިފާއުގައި ސަލްމާން ޚާން ވާހަކަ ދެއްކުމާ ގުޅިގެން އޭނާގެ ފިލްމުތައް މަނާ ކުރާނެ ކަމުގެ އިންޒާރު މަހާރާޝްތުރަ ޕާޓީ އިން ދީފި އެވެ.

ބޮލީވުޑުގައި ޕާކިސްތާނުގެ އެކްޓަރުންނާއި ލަވަކިޔުންތެރިންގެ އިތުރުން ޓެކްނީޝަނުން މަސައްކަތް ކުރުން ވަގުތީ ގޮތުން މަނާކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް ވާހަކަ ދެއްކި މަދު ތަރިންގެ ތެރޭގައި ސަލްމާން ހިމެނެ އެވެ.

ސަލްމާން ބުނެފައި ވަނީ ބޮލީވުޑުގައި މަސައްކަތް ކުރަނީ ފަންނާނުން ކަމަށާއި އެއީ ޓެރަރިސްޓުން ނޫން ކަމަށެވެ.

ސަލްމާންގެ ވާހަކަތަކާ ގުޅިގެން މަހާރާޝްތުރަ ޕާޓީގެ ޗީފް، ރާޖްތަކެރޭ ބުނެފައި ވަނީ ބައެއް ހިންދީ ފަންނާނުން ޕާކިސްތާނަށް މާ ބޮޑު ޝައުގުވެރިކަމެއް ހުންނަނީ، ޕާކިސްތާނަކީ ފިލްމު "ޓެރިޓަރީ" އަކަށް ވާތީ ކަމަށެވެ.

"މި މީހުންނަށް އެއްޗެއް ވިސްނޭނީ މީހުން އެމީހުންގެ ފިލްމުތައް ބެލުން ހުއްޓާލީމަ،" ރާޖް ތަކެރޭ ބުންޏެވެ.

އޭނާ ބުނީ ޕާކިސްތާނަށްޓަކައި ސަލްމާންގެ ހިތުގައި އެހާ ބޮޑު ލޯތްބެއް އޮތް ނަމަ، ވީސާ ހޯދައިގެން ޕާކިސްތާން ދިއުން ރަނގަޅު ވާނެ ކަމަށެވެ.

އިންޑިއާ އިން ޕާކިސްތާނަށް ދިން ރައްދު ހަމަލާ އަށް ސަލްމާން މަރުހަބާ ކިޔައިފައި ނުވާ ކަމަށް ބުނެ ވެސްތަކެރޭ ވަނީ ފާޑުކިޔައިފަ އެވެ.

"އެމީހުންނަކީ (ޕާކިސްތާން ފަންނާނުންނަކީ) ޓެރަރިސްޓުންނަށް ނުވިޔަސް އެއީ މައުލޫމާތު އެއްކޮށް ފޮނުވާ ބަޔަކަށް ވެދާނެ ކަމަށް ތަކެރޭ ވަނީ ބުނެފަ އެވެ.

ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އަދި ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ފައިބައިފައި ވާއިރު، ވަގުތީ ގޮތުން އެމީހުންނަށް ހިންދީ ސިނަމާގައި މަސައްކަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ޕާކިސްތާނުގައި ހިންދީ ފިލްމު ދެއްކުން ވެސް މަނާ ކޮށްފަ އެވެ.