މާޒިޔާގެ ހުނަރުވެރި މިޑްފީލްޑަރު އަސްއަދު އަލީ (އަޑުބަރޭ) ބާކީކޮށް އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ފުޓްބޯޅަ ޓީމްގެ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކޮށްފި އެވެ.

އަޑުބަރޭ ޓީމުން ބާކީ ކޮށްފައި މިވަނީ މިދިޔަ މަހު އިނދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކޮށް 13 ދުވަސް ވަންދެން ދޫނިދޫގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު އެވެ.

ގައުމީ ޓީމުން ވެސް އަޑުބަރޭއަށް ފުރުސަތު ގެއްލިފައިވާ އިރު މާޒިޔާގެ ފުރުތަމަ 11 އިން ވެސް އޭނާއަށް ވަނީ ޖާގަގެއްލިފަ އެވެ.

އަޑުބަރޭގެ އިތުރުން އެންމެ ފަހުން ގައުމީ ޓީމްގައި މާލޭގައި ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ބަދަލުކުރި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) އާއި ހުސެން ނިޔާޒް (ބޮކުރީ)ގެ އިތުރުން ގާސިމް ސައްމާމްއަށް ވެސް ވަނީ ފުރުސަތު ގެއްލިފަ އެވެ.

ގައުމީ ސްކޮޑުން މި ފަހަރު މުޅިން އަލަށް ފުރުސަތު ހޯދާފައި ވަނީ ކްލަބް އީގަލްސްގެ މިޑްފީލްޑަރު އިބްރާހިމް މުބީން (މުއްކި) އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ އާއި ލާއޯސް މާލޭގައި ކުޅުނު މެޗު ރާއްޖެއިން ވަނީ ފަސޭހަކަމާ އެކު 4-0ގެ ނަތީޖާ އަކުން ކާމިޔާބްކޮށްފަ އެވެ. ދެވަނަ މެޗުގައި މިމަހު 11 ވަނަ ދުވަހު ލާއޯސްގައި ކުޅޭ މެޗު އެއްވަރު ކޮށްލައިގެން ވެސް އޭޝިއަން ކަޕް ގްރޫޕް ސްޓޭޖުން ރާއްޖެއަށް ފުރުސަތު ލިބޭނެ އެވެ.

މާޒިޔާ:

އިމްރާން މުހައްމަދު، އަމްދާން އަލީ (އެންޑީ)، އަހުމަދު އިމާޒް (އާއްކޮ)، އަސަދުﷲ އަބްދުﷲ، އަލީ އަޝްފާގް (ދަގަނޑޭ)، އަހުމަދު ނާޝިދު (ނައްޓޭ) މުހައްމަދު އުމެއިރު، ޔަސްފާދު ހަބީބް (މުލަކޭ)، ސަމޫހް އަލީ (ސަމުއްޓޭ)، އިސްމާއިލް އީސާ

ކްލަބް އީގަލްސް:

ހުސެއިން ސިފާއު ޔޫސުފް، އިމްރާން ނަޝީދު، އަހުމަދު ރިޒްވާން (ރިޒޭ)، އިބްރާހިމް މުބީން (މުއްކި)، އަހުމަދު ޒާދު

ޓީސީ ސްޕޯޓްސް ކްލަބް:

އަހުމަދު އަބްދުﷲ (ލިލީ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އިމްރާން.

ކްލަބް ވެލެންސިއާ:

ޝާފިއު އަހުމަދު (ޝާފީ)، މުހައްމަދު ފައިސަލް، ހިސާމް ސަލީމް.

ނިއު ރޭޑިއަންޓް:

ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު (ހޮކޭ)