ދުނިޔޭގެ މަޝްހޫރު އިތުރު ފްރެންޗައިސް ޝޯތަކެއް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް އަންނަ އަހަރު ގެންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވެއްޖެ އެވެ.

"މޯލްޑިވިއަން އައިޑަލް ސީޒަން 2" ރަސްމީކޮށް ލޯންޗުކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ހަލީލް ވިދާޅުވީ، މޯލްޑިވިއަން އައިޑަލް ފަދަ ތަފާތު އެކި ފްރެންޗައިސް ޝޯތަކެއް ޓީވީ ސްކްރީނަށް ގެންނާނެ ކަމަށެވެ.

"ހަމައެއާއެކު ދަންނަވަން ދުނިޔޭގެ ފެންވަރުގެ އެހެން މަޝްހޫރު ފްރެންޗައިސްތައް މިފަދަ ޝޯތައް ޓީވީ ސްކްރީނާ ހަމައަށް އަޅުގަނޑުމެން ގެންނާނަން،" ހަލީލް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ހަލީލް ވަނީ "މޯލްޑިވިއަން އައިޑަލް ސީޒަން 1" ފުރިހަމަ ޝޯއަކަށް ހެދުމުގެ ގޮތުން ސްޕޮންސަރުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

"މޯލްޑިވިއަން އައިޑަލް ސީޒަން 2" ގެ ވެސް ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ.

މިރޭގެ ރަސްމިއްޔާތުގައި "މޯލްޑިވިއަން އައިޑަލް ސީޒަން 2"ގެ ޕްރެޒެންޓަރުންނާއި ޖަޖުންވެސް އިއުލާނުކޮށްފައިވެއެވެ. އެގޮތުން ސީޒަން ދޭއް މިފަހަރު ހުށަހަޅައިދޭ ފިރިހެން ޕްރެޒެންޓަރަކީ ސީޒަން އެކެއް ވެސް ހުށަހަޅައިދިން މޫސާ ވަސީމެވެ. އަންހެން ޕްރެޒެންޓަރަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފެވެ.

ސީޒަން ދޭއްގެ ޖަޖުންނަކީ މިދިޔަ ސީޒަނުގައި ވެސް ޖަޖުކަން ކުރެއްވި މަރިޔަމް އުނޫޝާއާއި އިބްރާހިމް އަލީ (ކުޑަ އިއްބެ) އެވެ. އަދި ތިންވަނަ ޖަޖެއްގެ ގޮތުގައި ހިމެނެނީ އިސްމާއިލް އައްފާނު އެވެ.

"މޯލްޑިވިއަން އައިޑަލް ސީޒަން 2"ގެ އޮޑިޝަން މިފަހަރު ރާއްޖޭގެ ހަ ސަރަހައްދެއްގައި ބާއްވާނެ ކަމަށް ޕީއެސްއެމުން ބުނެއެވެ. އެގޮތުން މިފަހަރު އޮޑިޝަން އޮންނާނީ އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއާ ލ. ގަމާއި މާލެ ސިޓީއާ ބ. އޭދަފުށީގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ.