ތަރައްގީގެ މަގުގައި އަޅުގަނޑުމެން ކުރިއަށް ފިޔަވަޅުތައް އަޅާއިރު، އެކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާ އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ހިޖުރީ އާ އަހަރު ފެށުމާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މުހާޠަބުކުރައްވައި ރައީސް ޔާމީން ދެއްވި ހިޠާބުގައި ވިދާޅުވީ، ރައްޔިތުންގެ ތަރައްގީއަށާއި ލުއިފަސޭހައަށް ކުރާ ކަންކަން ކާމިޔާބުކުރެވޭނީ ސަރުކާރާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްގެން ކަމަށެވެ.

އެގޮތުން ހިޖުރައިގެ ދަރުސްތަކުން އިބްރަތް ހާސިލުކޮށް، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމަށް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

" އެހެންކަމުން، ހިޖުރައިގެ ދަރުސްތަކުން ޢިބްރަތް ޙާޞިލުކޮށް، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމާއެކު، ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށާއި ލުއިފަސޭހައަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހިޖުރީ އާ އަހަރު އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، މި އުންމަތުގެ މާތް ނަބިއްޔާ ކީރިތި ރަސޫލާ محمّـد رســول اللّـه صـلّى اللّـه علـيـه وسـلّم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ އަގުހުރި ފިލާވަޅުތަކާއި އެ މަތިވެރި ހާދިސާގެ ސަބަބުން، މުސްލިމުންނަށް ލިބުނު ނަޞްރާއި ކާމިޔާބީގެ ހަނދާންތައް ކަމަށެވެ.

"ހިޖުރައިގެ މަތިވެރި ހާދިސާއަކީ، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އަޅުގަނޑުމެންގެ ހިތްތަކުގައި އާލާވާނެ މުހިންމު ހާދިސާއެއްވެސްމެ،

" އެހެންކަމުން، ހިޖުރައިގެ މަތިވެރި ހާދިސާއިން ޢިބްރަތް ލިބިގަނެ، އަޅުގަނޑުމެންގެ މެދުގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޢަޒުމް އާ ކުރެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މި މުނާސަބަތުގައި އަޅުގަނޑު އިލްތިމާސް ކުރަން."

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ދުއާއަކީ، " މާތްﷲ، މި ފެށުނު 1438 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ހިތްހަމަޖެހުމާއި އުފާފާގަތިކަމުގައި ވޭތުކުރެވޭ އަހަރެއް ކަމުގައި ލެއްވުން،" ކަމަށެވެ.