02 Oct 2016, 00:27
ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި) މޯލްޑިވްސްއިން ގައުމީ ފެންވަރުގައި ދޭ "ޓެން އައުޓްސްޓޭންޑިން ޔަންގް ޕާސަންސް" އެވޯޑް 10 ޒުވާނަކަށް ދީފި އެވެ.
"ޓެން އައުޓްސްޓޭންޑިންގ ޔަންގް ޕާސަންސް" އެވޯޑަކީ ޒުވާނުން، އެކި ދާއިރާތަކުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އިތުރުން، ހޯދާފައިވާ ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ޝަރަފުވެރި، ބައިނަލްއަގުވާމީ އެވޯޑެކެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ވެސް ޒުވާނުންނަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.
ޖޭސީއައި މޯލްޑިވްސްގެ "ޓެން އައުޓްސްޓޭންޑިން ޔަންގް ޕާސަންސް" އެވޯޑް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ފަސް ދާއިރާއަކުން 10 ޒުވާނަކު އެވޯޑް ހާސިލްކޮށްފައި ވެއެވެ. އެވޯޑް ލިބުނު ބޭފުޅުންނަކީ:
ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން:
- ޑރ. އައިޝަތު މުނީޒާ
- އިސްމާއިލް ހަމީދު
އަމިއްލަ ކުރިއެރުމާއި ކާމިޔާބީގެ ދާއިރާއިން:
- އައިޝަތު ނާޒިމާ
އިންސާނިއްޔަތަށް ޚިދުމަތް ކުރުމާއި ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާއިން
- ރާނިޔާ ސޯބިރު
- ސަފާތު އަހުމަދު ޒާހިރު
- ދިމްނާ ފާކިރު
- އައިޝަތު ޝިފްނީޒް ޝާކިރު
ސިޔާސީ ގާނޫނީ އަދި ސަރުކާރުގެ މަސައްކަތުގެ ދާއިރާއިން:
- އައިޝަތު ރަފިއްޔާ
ތައުލީމީ ދާއިރާއިން:
- މަރިޔަމް ވަސީމާ
- އިބްރާހިމް ނަސްރީން
މި އަހަރުގެ ޖޭސީއައި އެވޯޑު ދީފައި މިވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މީގެ ކުރިން ރާއްޖޭގައި ޖޭސީއައި ޓެން އައުޓްސްޓޭންޑިންގ ޔަންގް ޕާސަންސް އެވޯޑު ވަނީ ދެ އަހަރަކު ދެވިފައެވެ. އެއީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު އެވެ.
ޖޭސީއައި މޯލްޑިވްސްއަކީ، ޒުވާނުން ބައިނަލްއަގުވާމީ ގޮތުން ހަރަކާތްތެރި ބަޔަކަށް ހަދައި، މުޖުތަމަޢަށް ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަށް ވަކާލާތު ކުރާ ބަޔަކަށް ހެދުމުގެ މަގުސަދުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
ޖޭސީއައިއަކީ، ދުނިޔޭގެ 100އަށް ވުރެ ގިނަ ގައުމުގައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނެ އެވެ.