ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި) މޯލްޑިވްސް އިން ބައިނަލްއަގްވާމީ "ޓެން އައުޓްސްޓޭންޑިން ޔަންގް ޕާސަންސް" އެވޯޑަށް، ޒުވާނުންނާއި އަންހެނުންގެ ކުރިމަގަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ (ރަފީ) ނޮމިނޭޓް ކޮށްފި އެވެ.

ޖޭސީއައި މޯލްޑިވްސްގެ "ޓެން އައުޓްސްޓޭންޑިން ޔަންގް ޕާސަންސް" އެވޯޑް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ސިޔާސީ ގާނޫނީ އަދި ސަރުކާރުގެ މަސައްކަތުގެ ދާއިރާއިން ޒުވާނުންގެ އެވޯޑް ލިބުނު، ރަފީ އަކީ ރާއްޖޭގައި ޒުވާނުން ބާރުވެރިކުރުވުމަށް އުފައްދާފައިވާ "ރަފީ" ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް ކަން ވެސް ކުރައްވާ ބޭފުޅެކެވެ.

ހިއުމަން ރިސޯސް ދާއިރާއިން އެމްބީއޭ ހާސިލްކުރައްވާފައިވާ ރަފިއްޔާ އަކީ މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމާއި ލިބިފައިވާ ހުނަރެއް ބޭނުންކޮށްގެން އާއްމުންގެ ދިރިއުޅުމަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ގެނައުމަށް އިސްނަގައިގެން މަސައްކަތްކުރާ ޒުވާނުންނަށް އިނގިރޭސި ރާނީ ދެއްވާ އެވޯޑް ލިބޭ ޒުވާނުންގެ މެންޓޯ ޕެނަލްއަށް ހޮވުނު ފުރަތަމަ ދިވެހި ފަރާތްވެސްމެއެވެ.

މީގެ އިތުރުން ވެސް ރޯޔަލް އިންސްޓިޓިއުޓު އޮފް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެކުނު އޭޝިއާގެ ފުރަތަމަ އޮނޮރަރީ ޕްރެސިޑެންޓްކަން އޭނާއަށް ލިބިވަޑައިގެންފައިވާއިރު، ގޯލްޑަން ގްލޯބް ޓައިގާ އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑް ހޯދި ފުރަތަމަ ދިވެއްސަކީ ވެސް ރަފީއެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ޖޭސީއައި އެވޯޑް މިރޭ ދީފައިވާއިރު ރަސްމިއްޔާތުގައި 5 ދާއިރާއަކުން ފާހަގަކޮށްލެވޭ 10 ޒުވާނަކަށް އެވޯޑް ދީފައިވެ އެވެ.

އެގޮތުން ސިޔާސީ، ގާނޫނީ އަދި ސަރުކާރުގެ މަސައްކަތުގެ ދާއިރާއިންނާއި އަމިއްލަ ކުރިއެރުމާއި ކާމިޔާބީގެ ދާއިރާއިން އެއް ބޭފުޅަކު އެވޯޑް ހާސިލްކުރިއިރު، އިންސާނިއްޔަތަށް ޚިދުމަތް ކުރުމާއި ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާއިން ހަތަރު ބޭފުޅަކު އެވޯޑް ހާސިލްކޮށްފައިވެ އެވެ.

މީގެ އިތުރުން، ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިނާއި ތައުލީމީ ދާއިރާއިން ދެ ބޭފުޅަކު އެވޯޑް ހާސިލްކޮށްފައިވެއެވެ.

ޖޭސީއައި މޯލްޑިވްސްއަކީ، ޒުވާނުން ބައިނަލްއަގުވާމީ ގޮތުން ހަރަކާތްތެރި ބަޔަކަށް ހަދައި، މުޖުތަމަޢަށް ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަށް ވަކާލާތު ކުރާ ބަޔަކަށް ހެދުމުގެ މަގުސަދުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

ޖޭސީއައިއަކީ، ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި މަސައްކަތް ކުރަމުން އަންނަ، ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނެ އެވެ.