01 Oct 2016, 22:12
އެމްއެންޑީއެފް މާލެ އޭރިއާއިން މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންނަށް ސްޓޫޑަންޓް ލީޑަރޝިޕް ޕްރޮގްރާމެއް ހިންގައިފި އެވެ.
މިދިޔަ މަހު 29 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިންގި އެ ޕްރޮގްރާމުގައި މަޖީދިއްޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލް ގްރޭޑް 8 އަދި 9 އަކުން މުޅި ޖުމްލަ 116 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ހަވީރު މަޖީދިއްޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމްގެ ވަނަ ވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ.
އެމްއެންޑީއެފުން ބުނީ، އެ ޕްރޮގްރާމްގައި ލީޑާޝިޕް ތިއަރީ އާއި ޓީމެއް ގޮވައިގެން އުޅޭގޮތުގެ އަމަލީ ތަމްރީނާއި ޒިންމާދާރު ރައްޔިތެއްގެ ގޮތުން ކުރަންޖެހޭ ކަންކަމާއި އަމިއްލަ ނަފްސަށް އިތުބާރު ހޯދުމަށް ކުރެވިދާނެ ކަންކަމުގެ ހުނަރު އުގަންނައިދީފައި ވާކަމަށެވެ.
އޭގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ ތަމްރީނާއި މޫދުގައި ދިމާވާ ހާދިސާތަކުން ސަލާމަތްވާނެ ގޮތްތަކުގެ ތަމްރީނުގެ އިތުރުން ސިއްހީ ފުރަތަމަ އެހީ ދޭނެގޮތާއި، ދީނީ ކަންކަމަށް ލޯބި ކުރުމާއި މައިންބަފައިންނަށް އޯގާތެރިކޮށްހިތައި އިހުތިރާމް ކުރުމުގެ މައްޗަށް ކުލާސްތައް ހިންގާފައި ވެއެވެ.