ބެއިޖިން(އޭއެފްޕީ) - ޗައިނާގެ ހުޅަނގުއިރުމައްޗަށް އެރި ބާރުގަދަ ތޫފާނެއްގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ދެ ހާދިސާއެއްގައި 13 މީހަކު މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާ އަށާއި ޓައިވާނަށް މިދިޔަ ބުދަ ދުވަހު އެރި ތޫފާން "މެގީ"ގެ ސަބަބުން ޗައިނާގެ ވިޔަފާރީގެ މައި ހަބެއް ކަމަށްވާ ޝަންހާއީގެ ހުޅަނގަށް އޮންނަ ޕްރޮވިންސެއްގައި އޮންނަ ދެ އަވަށެއްގެ ގެތައް ވަނީ ބިމާ ހަމަވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެ ހާދިސާ ތަކުގައި މިހާތަނަށް 13 މީހަކު މަރުވެފައިވާއިރު، 20 މީހުން އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި ތިން ދުވަސްވީ އިރުވެސް އެމީހުން ފެނިފައިނުވާތީ މަރުވެފައިވާ މީހުންގެ އަދަދު އިތުރުވުން ގާތް ކަމަށް، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި 4000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރި ވަމުންދާއިރު، ވާރޭ ވެހެމުންދިއުމާއި މަގުތަކުގެ ހާލަތު ހުރި ގޮތުން މީހުން ހޯދުމަށް ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ޗައިނާއަށް އެރި، ތޫފާން މެގީގެ އަސަރު އެގައުމުގެ ތިން ޕްރޮވިންސަކުން 2.09 މިލިއަން މީހުންނަށް ކޮށްފައިވާއިރު 1200 އަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. އަދި ތޫފާންގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް 835 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެ އެވެ.

ޗައިނާއަށް ތޫފާން މެގީ އެރުމުގެ ކުރިން އެ ތޫފާން ވަނީ އެގައުމުގެ ކައިރީގައި އޮންނަ ޓައިވާނަށް ވެސް އަރާފައެވެ. އެގޮތުން ތޫފާންގެ ސަބަބުން ހަތް މީހަކު އެގައުމުން މަރުވެފައިވާއިރު، ހަތަރު މިލިއަން މީހުން ވަނީ ކަރަންޓުގެ ހިދުމަތުން މަހުރޫމްވެފައެވެ.