އުމުރުން ދުވަސްވީ މީހުންގެ ހިދުމަތުގެ އަގުވަޒަންކުރުމަށާއި މުޖުތަމައުގައި އެމީހުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރުމުގެގޮތުން ހާއްސަސޯޝަލް މީޑިއާ ކެމްޕޭނެއްފަށައިފި އެވެ.

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ޖެންޑާ މިނިސްޓްރީއާ ބ. އަތޮޅު ތުޅާދޫ ކައުންސިލާއި ޖަމިއްޔާތަކާ ގުޅިގެން އެރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕޭން ފައްޓަވައިދެއްވީ ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޒެނީޝާ ޝަހީދެވެ.

"އަގުވަޒަންކުރުން"ގެ ނަމުގައި ފެށި ކެމްޕޭނަކީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގައި އުމުރުންދުވަސްވީ މީހުން ކޮށްދީފައިވާ މަސައްކަތްތަކާއި އަދި މިހާރުވެސް ކުރަމުންގެންދާ މަސައްކަތްތަކާއި ހިދުމަތްތައް ފާހަގަކުރުމުގެ ރޫހު އާލާކޮށް، އަގުވަޒަންކުރުމުގެ ބޭނުމުގައި ފެށި ކެމްޕޭނެކެވެ.

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބ. ތުޅާދޫގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން ޖެންޑާ މިނިސްޓަރު ޒެނީޝާ އުމުރުން ދުވަސްވީ ބަޔަކާ ވާހަކަދައްކާ ސަލާމްކުރައްވަނީ --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި، އޯގާތެރި އަދި ރައްކާތެރި ވެއްޓެއް ބިނާކުރުމާއި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރުކޮށް އެމީހުންނަށް މިނިވަންކަމާއި އުފާވެރިކަމާއެކު އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ މުހިއްމުކަމެއް ކަމަށެވެ.

އެކަމަނާ ވިދާޅުވީ، އެ މަގްސަދުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ސަރުކާރުން ފަށާފައިވާއިރު، ދޮށީއުމުރުގެ މީހުންގެ ގައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ.

ތުޅާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެރަށުގައި ދިރުއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާއި އެއްކޮށް ބައިވެރިވެވޭނެ ކުޅިވަރު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބ. ތުޅާދޫގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން ޖެންޑާ މިނިސްޓަރު ޒެނީޝާ އުމުރުން ދުވަސްވީ ބަޔަކާ ވާހަކަދައްކަނީ --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

އަދި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމާއި ހާއްސަ ހެލްތު ސްކްރީނިން ޕްރޮގްރާމެއް ބ. އަތޮޅު ތުޅާދޫ، ގޮއިދޫ، ފުޅަދޫ، ފެހެންދޫ އަދި ހިތާދޫގައި ކުރިއަށް ގެންދިއުމަށް ޖެންޑާ މިނިސްޓްރީން ވަނީ ނިންމާފައެވެ.

މުޖުތަމައުއާއި އާއިލާ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި "ރަންވޭލާ"ގެ ނަމުގައި ޖެންޑާ މިނިސްޓްރީން ވަނީ ހާއްސަ ޕްރޮގްރާމެއް ފަށާފައެވެ.

ބައިނަލްއަގުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހަކީ، އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށާއި އެމީހުންނަށް ކުރިމަތިވާ އެކި ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އދ.ގެ އާންމު މަޖިލީހުން ފާސްކޮށް، 1991 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ފާހަގަކުރަމުންދާ ދުވަހެކެވެ.