އިޒްރޭލުގެ ފްލައިޓްތައް ރާއްޖެއަށް އަންނަން ފެށުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށާއި އިގުތިސާދަށް ކަނޑައެޅިގެން އޮތް ނުރައްކަލެއް ކަމުގައި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އަދާލަތުޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ، އިޒްރޭލުގެ މަސްލަހަތުތަކަކީ ދުނިޔޭގެ އެތަން މިތާގައިވާ ހަނގުރާމަވެރީންގެ އެންމެ ބޮޑު އަމާޒު ކަމަށާއި މުޅި ދުނިޔޭގެ އެތަން މިތާގައި ތިބި އެގައުމުގެ އަދާވާތްތެރިން ތިބެނީ އިޒްރޭލުގެ އަމާޒަކަށް ހަމަލަދޭނެ ފުރުސަތަކަށް ބަލަބަލައި ކަމަށެވެ. އަދި ރާއްޖެއަކީ މިލިޓްރީ ގޮތުން މާބޮޑު ބާރެއް ނެތް، ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ނާޒުކު އިގުތިސާދެއް އޮތް ގައުމެއް ކަމަށް ވެސް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުން އިޒްރޭލުގެ އެއާލައިންގެ ބޯޓްތައް ދަތުރުކުރުމަށް ހުއްދަ ނުދޭކަން ފާހަގަކުރަމުން އަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވަނީ އޯއައިސީ (އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް)ގެ ގައުމުތަކުގެ ތެރެއިން އިޒްރޭލް އެއާލައިންގެ ބޯޓްތައް ދަތުރުކުރުމަށް ހުއްދަދީފައި ވަނީ އެންމެ ހަތަރު ގައުމުން ކަމަށެވެ. އަދި އެގައުމުތަކަކީ މިސްރާއި އުރުދުން، އުޒްބެކިސްތާން އަދި ތުރުކީ ކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އޯއައިސީގައި ހިމެނޭ އަނެއް 53 ގައުމުން އިޒްރޭލްގެ އެއާލައިންގެ ބޯޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ނުދެނީ ސަބަބުތަކެއް ހުރެގެން ކަމަށް ވެސް އެބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ހާމަވާ ކަންތައްތައް ފާހަގަކޮށް އަދާލަތު ޕާޓީގެ ބަޔާނުގައި ލިޔެފައި ވެއެވެ. "އިޒްރޭލަކީ މުސްލިމުންގެ މުގައްދަސް ބިންތައް ފޭރި، އެތާގެ ވަޒަންވެރިން ބޭރުކޮށް ދުނިޔޭގެ އެތަން މިތަނަށް ވިއްސިވިހާލިކޮށް، ކެނޑި ނޭޅި މުސްލިމުން މަރައި އަދި މުސްލިމުންގެ ގެދޮރު ސުންނާފަތި ކުރަމުން ގެންދާ އަނިޔާވެރި ޓެރަރިސްޓް އެޕާތެއިޑް ދައުލަތެކެވެ. އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 12 ހާހެއްހާ އަސީރުން އަނިޔާވެރިގޮތުގައި ހައްޔަރުކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި އަންހެނުންނާއި ބަލިމީހުންނާއި މުސްކުޅިންނާއި ކުޑަކުދިންނާއި ސިޔާސީ ލީޑަރުންނާއި، އިލްމުވެރިން އަދި ގާނޫހަދާ މަޖިލީހުގެ މެމްބަރުން ހިމެނެއެވެ. ފަލަސްތީން އަޅުވެތިކުރިތާ 63 އަހަރު ވެއްޖެއެވެ."

އިޒުރޭލުން ވަނީ ބައިނަލް އަގުވާމީ އެންމެހާ ގަރާރުތަކުގައި ކޮޅުފައިން ޖަހާފައި ކަމަށާއި އަދި އެގައުމުގެ އަނިޔާވެރިކަމުގެ ސަބަބުން ބައިނަލް އަގުވާމީ މަސްރަހުގައި އިޒްރޭލުގެ ދަނީ އެކަހެރިވަމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، އަދާލަތު ޕާޓީއާއި އަދި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް އިޒުރޭލާ ގުޅުން ބަދަހިކުރުމަށް ދެކޮޅުހަދައި އިހުތިޖާޖުކުރަމުން ދަނިކޮށް، އިސްލާމީ އުއްމަތާއި މެދު އެންމެ ބޮޑަށް އަނިޔާވެރިވެފައިވާ ގައުމުކަމުގައިވާ އިޒްރޭލްގެ ސަރުކާރާއި މިއަދުގެ ސަރުކާރުން ގުޅުން ބަދަހި ކުރަމުންދާ ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އިޒްރޭލްގެ ގައުމީ އެއާލައިން އެލްއާލްއިން ރާއްޖެއަށް އުދުހުމުގެ ހުއްދައަށް އެދިފައިވާ ކަމަށާއި އެހުއްދަ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ޓްރާންޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ. މީގެ ކުރިން އިޒްރޭލުގެ އެެހެން އެއާލައިނެއް ކަމަށްވާ ސަން ޑިއޯ އިން ވެސް ރާއްޖެއަށް ފްލައިޓް އޮޕަރޭޓް ކުރުމަށް ހުއްދައަށް އެދުނެވެ. ނަމަވެސް އެ އެއާލައިނަށް ދީފައިވާ ބައިނަލް އަގުވާމީ މަންޒިލްތަކަށް އުދުހުމުގެ ހުއްދަ އިޒްރޭލުން ބާތިލްކުރުމާ ގުޅިގެން އެ މަސައްކަތް އޮތީ އޭރު ހުއްޓުނީ އެވެ.