އަތޮޅު ތެރޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ''ސިޔާމް މައުރޫފް ސޮކާ ކަޕް'' ގައި ވާދަކުރާ މާޅޭންދޫ ޓީމުގެ ކޯޗަކަށް އިނގިރޭސި ވިލާތަށް އުފަން ޕްރަދިޔަމް ވެންކަޓްރަމަނާ ހަމަޖައްސައިފިއެވެ.

ސިފާން އިންވެސްޓްމަންޓްގެ ފަރާތުން ސްޕޮނަސަރ ކޮށްގެން މާޅެންދޫ ޓީމަށް ގެނައި ޕްރަދިޔަމް ވަނީ 2009 ވަނަ އަހަރު އިންޑިއާގެ ދަވަނަ ޑިވިޝަންގައި ވާދަކުރި ޝިލޮންގް ލަޖޮންގެ އަށް ކޯޗުކޮށްދީ އެޓީމް ޖެހިގެންއައި ސީޒަނަށް އައި ލީގަށް ކޮލިފައި ކޮށްދީފައެވެ.

"ރާއްޖޭގައި މަސަތްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. އަހަރެންގެ އަމާޒަކީ މިޓީމަށް ކުރިއަށް އޮތް މުބާރާތް ކާމިޔާބު ކޮށްދިނުން. އެކަމަށް ވާންޖެހޭ ތައްޔާރީތަށް ވަމުން ދާނީ،" މާޅެންދޫ ޓީމާ މިއަދު ހަވާލުވުމަށް ފަހު ޕްރަދިޔަމް ބުންޏެވެ.

ނޫނު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި އެމްޑީއޭގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު އިސްނަންގަވައިގެން ކުރިއަށް ގެންދާ އެ މުބާރާތް ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު ޕްރަދިޔަމް ބުނީ، "މުބާރާތަށް ތައްޔާރުވުމަށް ކުޑަ ވަގުތުކޮޅެއް ލިބުނު ނަމަވެސް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމުގެ އުންމީދު ބޮޑު" ކަމަށެވެ.

މާޅެންދޫ ޓީމަށް ޕްރަދިޔަމް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޕްރަދިޔަމް ވަނީ 2010 ވަނަ އަހަރު ބެންގަލޫރު އެފްސީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސަތްކަތް ކޮށްފައެވެ.

މާޅެންދޫ ޓީމަށް ޕްރަދިޔަމް ގެނައުމުގެ އެންމެ އިސްދައުރެއް އަދާކުރި ސިފާން އިންވެސްޓްމަންޓްގެ ޗެއާމަން މޫސާ ޔޫސުފް (މޫސަބެ) ވިދާޅުވީ، ބޭރުގެ ކޯޗެއް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ކުރާ މަސަތްކަތުގައި ބައިވެރިވުން ކަމަށެވެ.

"އަޅުގަނޑު ވިސްނީ ކަމެއް ކޮށްދިނުމަކީ ރަނގަޅު ފެންވަރެއްގެ ކޯޗެއް ގެނެސްދެވުން ކަމަށް. އަޅުގަނޑު އެދެނީ މާޅެންދޫގެ ޒުވާނުންނަށް އިތުރު ކުރިއެރުން،" މޫސަބެ ވިދާޅުވިއެވެ.

މޫސަބަ ވިދާޅުވީ، ޓީމުގެ ކުޅުންތެރިންގެ ހިތްވަރާ ޖޯޝު ހުންނަ ގޮތަކުން ކުރިއަށްއޮތް ތާންގައި ވެސް ޓީމަށް އިތުރު ކުރިއެރުންތައް ލިބެމުން ދާނެ ކަމަށެވެ.

ވޭތުވެދިޔަ ދެ އަހަރު ބޭއްވި އެ މުބާރާތުގައި މާޅެންދޫ ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.