01 Oct 2016, 19:48
ފަސް ގައުމަކުން ބޮއިކޮޓް ކުރުމުން ފަސް ކޮށްފައިވާ، ދެކުނު އޭޝިއާގެ ގައުމުތައް ތަމްސީލު ކުރާ ޖަމިއްޔާ، "ސާކް"ގެ ބައްދަލުވުން ބޭއްވޭނެ އެކަށީގެންވާ މާހައުލެއް ގާއިމްކޮށް، ބައްދަލުވުން ވީއެންމެ އަވަސް ތާރީހެއްގައި ބޭއްވުމަށް ސާކްގެ މެމްބަރު ގައުމުތަކަށް ރާއްޖޭން ގޮވާލައިފި އެވެ.
ގައުމުތަކަށް، ބޭރުން ކުރިމަތިވާ ޓެރަރިޒަމްގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ދެކުނު އޭޝިއާއަށް ދިމާވަމުންދާ މައްސަލަތަކާމެދު ގައުމުތަކުގެ އިސްވެރިން މަޝްވަރާކުރުމަށް އެކަށީގެންވާ ފުރުސަތެއް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
"ދެކުނު އޭޝިއާ ސަރަހައްދަށް ދިމާވަމުންދާ ނާޒުކު މައްސަލަތަކާ ގުޅޭގޮތުން ގައުމުތަކުގެ އިސްވެރިން މަޝްވަރާ ކުރެވޭނެ އެކަށީގެންވާ ފުރުސަތެއް ހޯދައިދިނުމަށް ގައުމުތަކަށް ރާއްޖޭން ގޮވާލަން. އަދި ސަމިޓް ވީއެންމެ އަވަސް ތާރީހެއްގައި ބޭއްވުމަށް މެމްބަރު ގައުމުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުއްމީދުކުރަން،" ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މިއަހަރު ބާއްވަން ނިންމާފައިވާ 19 ވަނަ ސާކް ސަމިޓް ކުރިން ބާއްވަން ހަމަޖެހިފައި އޮތީ އަންނަ ނޮވެމްބަރު މަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ.
ނަމަވެސް އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ސަރަހައްދީ މައްސަލަތަކުގެ ސަބަބުން އިންޑިއާއިން އެ ސަމިޓަށް ނުދާން ނިންމުމުން، ބަނގްލަދޭޝް، ބޫޓާން، އަފްޣާނިސްތާން އަދި ސްރީ ލަންކާއިން ވެސް ވަނީ ސަމިޓް ބޮއިކޮޓް ކޮށްފައެވެ.
ފަސް ގައުމަކުން ސަމިޓް ބޮއިކޮޓް ކުރުމުން ސާކް ސަމިޓުގައި މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، މިއަހަރުގެ ސަމިޓް ޗެއާ ކުރާ ނޭޕާލުން ވަނީ ސާކް ސަމިޓް ކެންސަލް ކުރުމުގެ ބަދަލުގައި ބައްދަލުވުން ފަސްކޮށްފައެވެ. ނަމަވެސް ބާއްވާނެ ވަކި ތާރީހެއް ހާމައެއްނުކުރެ އެވެ.
ސާކް ސަމިޓުގެ މިހާރުގެ އުސޫލުގައި ބުނާގޮތުން، ސާކުގެ މެމްބަރު އަށް ގައުމުގެ ތެރެއިން އެންމެ ގައުމަކުންވެސް ސަމިޓުގައި ބައިވެރިނުވާނަމަ އޮޓޮމެޓިކުން ސަމިޓު ފަސްކޮށް ނުވަތަ ކެންސަލް ކުރެވޭނެ އެވެ.