ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ބާއްވަމުން އަންނަ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް މުހިއްމު ބަދަލުތަކެއް ގެނެސް، މިއަހަރު މުބާރާތް މާދަމާ ފަށަން ނިންމައިފި އެވެ.

އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މާދަމާ ފަށާ މުބާރާތަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ 31 ވަނަ މުބާރާތެވެ.

އަދި މިއަހަރުގެ މުބާރާތް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ވަނީ މުހިއްމު ބަދަލުތަކެއް ގެނެސްފައެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނިގޮތުގައި، މިއަހަރުގެ މުބާރާތަކީ އަލުން ފަރުމާކޮށްގެން ބައިނަލްއަގްވާމީ މޮޑެލް އެއްގެ ފަރުމާއަށް ބާއްވާ މުބާރާތެއް ކަމަށެވެ.

އެގޮތުން، މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ކަނޑައަޅާފައި އޮންނަ އޮތުން އުވާލައިފައިވާއިރު، މިއަހަރުގެ މުބާރާތުގައި އޮންނާނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ކޮންމެ ގޮތްޕަކުން ތިން ކެޓަގަރީ އަކުން ބައިވެރިންނަށް ބައިވެރިވެވޭ ގޮތަށެވެ.

މީގެ އިތުރުން މުބާރާތުގައި އިންސާފު ކުރަން ނިންމާފައި ވަނީ، އަންހެން އަދި ފިރިހެން ވަކިންނެވެ. މުބާރާތުގެ ދެ ގޮފީގެ ކޮންމެ ބައެއްގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވާއިރު މުބާރާތުގައި ބައިވެރިކުރުމަށް މަދުވެގެން ވަކި އަދަދެއް ކަނޑައަޅާފައެއް ނުވެއެވެ.

މިއަހަރުގެ މުބާރާތުގައި 32 ސެންޓަރަކުން 183 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. އެއީ ހިތުން ކިޔެވުމުގެ ގޮފިން 52 ބައިވެރިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން 131 ބައިވެރިންނެވެ. އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން މިއަހަރުގެ މުބާރާތުގައި 20 ބައިވެރިން ބައިވެރިވެ އެވެ.

މިއަހަރުގެ މުބާރާތުގެ ހިތުން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވަން ހަމަޖެހިފައިވާއިރު، ކޮންމެ ގޮތް ޕަކުން އެންމެ ރަނގަޅު އަންހެން އަދި ފިރިހެން ދަރިވަރު ހޮވާނެ އެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު ސިޓީ ނުވަތަ އަތޮޅު އަދި ޖަމިއްޔާއަށާއި ކޮންމެ ގޮތްޕަކުން ވެސް އެންމެ މޮޅު އަންހެން އަދި ފިރިހެން ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ދެއްވާނެ އެވެ.