އިސްލާމް އާބާދު : ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ރަށެއްކަމަށްވާ ނުޝީރާގައި އިއްޔެ ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 18 މީހަކު މަރުވެ 35 މީހަކު ޒަޚަމްވެއްޖެވެ.

އެސަރަޙައްދުގެ ފުލުހުންގެ ތަރްޖަމާން ތުރްކު ޢަލީ ޝާހް ވިދާޅުވިގޮތުގައި އެބޮން ގޮއްވާލާފައިވަނީ ޕާންފިހާ ބޭކަރީއެއްގައެވެ. ބޮންގޮއްވުމުގެ މި ޙާދިޘާގައި މަރުވި 18 މީހުންގެ ތެރޭގައި 3 ކުޑަކުއްޖަކުވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

ޕާކިސްތާނުގެ ހަރުކަށި ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ތާލިބާނުންވަނީ މި ޙަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފައެވެ. މިއީ ޕާކިސްތާން ސަރުކާރުން އެމެރިކާއަށް އެއްބާރުލުން ދެމުން ގެންދާތީ ހިންގަމުން ގެންދާ ބަދަލު ހިފުމުގެ ޙަމަލާތަކުގެ ތެރޭން ޙަމަލާއެއް ކަމަށާ މިފަދަ އެތަށް ޙަމަލާތަކެއް ކުރިމަގުގައިވެސް ދޭނަކަމުގެ އިންޒާރު ތާލިބާނުންގެ ތަރްޖަމާނެއް ކަމަށްވާ އިޙްސާނުﷲ އިޙްސާން ދެއްވިއެވެ.


މިޙަމަލާގެ ތަންކޮޅެއް ކުރިން ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޕިޝާވަރުގައިވެސް ބޮމެއް ގޮއްވާލައިގެން 6 މީހަކު މަރުވެ 11 މީހަކު ޒަޚަމް ވެފައިވެއެވެ.

މިދެ ޙަމަލާވެސް ދީފައިވަނީ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކުން ޕާކިސްތާނުގެ ވަޒީރުސްތާނަށް ޙަމަލާއެއްދީ ހަނގުރާމަވެރިންގެ އިސް ކޮމާންޑަރެއް ކަމަށްވާ މުޙައްމަދު އިލްޔާސް ކަޝްމީރީ އަވަހާރަކޮށްލިތާ 24 ގަޑީއިރުވެސް ނުވަނީހެވެ.

އިލްޔާސަކީ އަލްޤާޢިދާއާ ގުޅުންހުރި މީހެއްކަމަށް އެމެރިކާ ބުނެއެވެ. މިޙަމަލާގެ ފަހުން ވަޒީރުސްތާނަށް އެމެރިކާދިން އެހެން ޙަމަލާއެއްގައި 17 މީހަކު މަރާލާފައިވެއެވެ.

ކަޝްމީރީ އަވަހާރަ ކޮށްލުމާއެކު އޭނާގެ މަރުގެ ބަދަލު ހިފާނެކަމުގެ އިންޒާރު ތާލިބާނުންވަނީ ދީފައެވެ. (އަލްޖަޒީރާ)