10:00


ސަންއެފްއެމްގެ އަހަރުގެ އެންމެ މަޤްބޫލް ޝަހްސިއްޔަތު އެވޯޑް- 2009 ގެ މަޤާމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ހޮވިވަޑައިގެންފި އެވެ.


ރޭ ދަރުބާރުގޭގައި އޮތް ސަންއެފްއެމް އެވޯޑްސް ދިނުމުގެ ކުލަގަދަ ހަފުލާގައި ސަންއެފްއެމް އަހަރުގެ އެންމެ މަގުބޫލް ޝަހުސިއްޔަތު އެވޯޑް- 2009 ގެ މަގާމަށް ރައީސް މައުމޫން ހޮވިވަޑައިގެންފައި ވަނީ އެސްއެމްއެސް ކޮށްގެން ވޯޓު ދިން މީހުންގެ 44.32 ޕަސެންޓުންނެވެ. ރައީސް މައުމޫނާ އެންމެ ވާދަކުރެއްވި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ލިބިވަޑައިގަތީ 31.53 ޕަސެންޓު ވޯޓެވެ. ސަންއެފްއެމް އަހަރުގެ އެންމެ މަގުބޫލް ޝަހުސިއްޔަތު އެވޯޑް- 2009 ގެ މަގާމަށް ވާދަކުރެއްވި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 23.26 ޕަސެންޓު ވޯޓެވެ.


ސަންއެފްއެމް އަހަރުގެ ވިޔަފާރި ޝަހުސިއްޔަތު އެވޯޑް- 2009 ގެ މަގާމަށް ހޮވިވަޑައިގެންފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ހުސެން އަފީފެވެ. އޭނާ އަށް މި މަގާމު ލިބިވަޑައިގަތީ 59.87 ޕަސަންޓު ވޯޓުންނެވެ. ޗަމްޕާ ހުސެއިން އަފީފާ އެންމެ ވާދަކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 34.48 ޕަސަންޓް ވޯޓެވެ. އަދި ސޮނީ ހާޑްވެއާގެ މުހައްމަދު ކަލީމަށް ލިބިވަޑައިގަތީ 5.65 ޕަސަންޓް ވޯޓެވެ.


ސައެފްއެމް އަހަރުގެ މުނިފޫހިފިލުވައިދިނުމުގެ ޝަހުސިއްޔަތު އެވޯޑް- 2009 (އަންހެން)ގެ މަގާމަށް ހޮވިފައި ވަނީ މަޝްހޫރު ބަތޮލާ މަރިޔަމް އަފީފާ އެވެ. އަފީފާ އަށް 50.07 ޕަސަންޓް ވޯޓު ލިބުނުއިރު، އޭނައާ އެންމެ ވާދަކުރި ޒުވާން ލަވަކިއުންތެރިޔާ މާއިން ރަޝީދަށް 49.05 ޕަސަންޓް ވޯޓު ލިބިފައިވެ އެވެ. ލަވަކިއުންތެރިޔާ މަރިޔަމް ނަދާ އިނާޒަށް ލިބިފައި ވަނީ 0.88 ޕަސަންޓް ވޯޓެވެ.


ސަންއެފްއެމް އަހަރުގެ މުނިފޫހިފިލުވައިދިނުމުގެ ޝަހުސިއްޔަތު އެވޯޑް- 2009 (ފިރިހެން) ގެ މަގާމަށް ހޮވިފައި ވަނީ މަޝްހޫރު ލަވަކިއުންތެރިޔާ މުޚްތާރު އާދަމެވެ. މުހުތާރަށް 47.65 ޕަސަންޓް ވޯޓު ލިބުނުއިރު، އޭނައާ އެންމެ ވާދަކުރި މުހައްމަދު އަބްދުﷲ (މުހައްމާ) އަށް 45.27 ޕަސަންޓް ވޯޓު ލިބިފައިވެ އެވެ. އަދި މަޝްހޫރު ފިލްމީ ބަތޮލު ޔޫސުފު ޝަފީއު (ޔޫއްޕެ) އަށް 7.08 ޕަސަންޓް ވޯޓު ލިބިފައިވެ އެވެ.


ސަންއެފްއެމް އަހަރުގެ އެންމެ މަގުބޫލް ކުޅިވަރު ޝަހުސިއްޔަތު އެވޯޑް- 2009 (އަންހެން)ގެ މަގާމަށް ހޮވިފައި ވަނީ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ. ނާޒިމާ އަށް 73.0 ޕަސަންޓް ވޯޓު ލިބުނުއިރު، އޭނާއާ އެންމެ ވާދަކުރި ނެޓްބޯޅަ ކެޕްޓަން އާއިޝަތު ނައުރާ އަށް ލިބިފައި ވަނީ 13.55 ޕަސެންޓް ވޯޓެވެ. އަދި ނެޓްބޯޅަ ތަރި އާމިނަތު ޝިއުރާ އަށް ލިބިފައި ވަނީ 13.45 ޕަސެންޓް ވޯޓެވެ.


ސަންއެފްއެމް އަހަރުގެ ކުޅިވަރު ޝަހުސިއްޔަތު އެވޯޑް- 2009 (ފިރިހެން) ގެ މަގާމަށް ހޮވިފައި ވަނީ 50.38 ޕަސަންޓް ވޯޓު ހޯދި މަޝްހޫރު ވޮލީ ކުޅުންތެރިޔާ އިބްރާހިމް ނިޒާރެވެ. ނިޒާރާ އެންމެ ވާދަކުރި ގޯލްކީޕަރު އިމްރާން މުހައްމަދަށް ލިބުނީ 44.02 ޕަސެންޓް ވޯޓެވެ. ފުޓުބޯޅަ ތަރި އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ލިބުނީ 5.60 ޕަސެންޓް ވޯޓެވެ.


ސަން އެފްއެމުން ހޮވި އަހަރުގެ ޝަހުސިއްޔަތުންނަށް ސަން އެފްއެމް އެމް އެވޯޑް ހަވާލުކޮށްދެއްވީ ސަން އެފްއެމްގެ ޗެއާމަން، އަހުމަދު ސިޔާމު މުހައްމަދެވެ.


އެސްއެމްއެސްކޮށްގެން ހޮވި މި މަގާމްތަކަށް އެއް ލައްކަ ފަންސާސް ހަ ހާހަށްވުރެ ގިނަ ވޯޓު ފޮނުވައިފައިވާ ކަމަށް މި އެވޯޑްގެ ފަނޑިޔާރުންގެ ޕެނަލުން ބުނެ އެވެ.


ސަން އެފްއެމް އަހަރުގެ ޝަހުސިއްޔަތުންގެ އިތުރުން، ސަން އެފްއެމްގައި ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރާ 14 ކުންފުންޏަކަށް "ސަން އެފްއެމް ބިޒްނަސް ރިލޭޝަންޝިޕް އެވޯޑް" ދެއްވައިފައިވެ އެވެ. އަދި 2009 ވަނަ އަހަރުގެ ސަން އެފްއެމްގެ އެންމެ މަގުބޫލް މުވައްޒަފުގެ މަގާމަށް އާމިނަތު ނިޔާޒާ ހޮވައި އޭނާ އަށް ވެސް އިނާމު ދެއްވައިފައިވެ އެވެ. މި އެވޯޑް ދެއްވީ ސަންއެފްއެމްގެ ސީއީއޯ ސިނާން އަލީ އެވެ. އަދި ސަން އެފްއެމްގެ އެންމެ މަގުބޫލް ފަސް ޕްރޮގްރާމު ހޮވައި، އެ ޕްރޮގްރާމުތަކަށް ވެސް ވަނީ އިނާމު ދީފަ އެވެ. ސަން އެފްއެމްގެ އެންމެ މަގުބޫލް ފަސް ޕްރޮގްރާމަށް، ސަން އެފްއެމްގެ މުވައްޒަފުން ހޮވައިފައި ވަނީ ދީނީ ޕްރޮގްރާމް "އިލްމީ ހަޒާނާ" އާއި ބާން އެނާޖީ ޑްރިންކުން ސްޕޮންސަކޮށްފައިވާ "އާފެށުމެއް" މި ޕްރޮގްރާމާއި "އައިކެއާ އޮޕްޓިކަލްސް" އިން ސްޕޮންސަރކޮށްފައިވާ "ބޮނޑިތާން" އާއި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ދީނި ޕްރޮގްރާމް "ކޮއްކޮމެންގެ ހަދިޔާ" އާއި "ސަން އެފްއެމް-ދިރާގު ފިނިބުރެވެ." އެންމެ މަގުބޫލް ފަސް ޕްރޮގްރާމަށް އިނާމުތައް ދެއްވީ އެމްއެންބީސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ކަލީލެވެ.


ރޭގެ ހަފުލާގައި ނައިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި، ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި އިޖުތިމާއީ ދާއިރާގައި ހަރަކާތެރިވެވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.


ސަން އެފްއެމުންނާއި ޓީވީ އެމުން ވަގުތުން ދުރަށް ފޮނުވަމުންދިޔަ ރޭގެ ހަފުލާގައި، މުނިފޫހިފިލުވުމުގެ ވަރަށް ތަފާތު އައިޓަމްތަކެއް ފެނިގެންދިޔަ އެވެ. މިގޮތުން ސްރީލަންކާގެ އެންމެ މަޝްހޫރު ޖާދޫގަރުގެ ޖާދޫގެ އިތުރުން، އިބްރާހިމް ރަޝީދުގެ އަލިފާނުގެ ކުޅިވަރާއި މަލިކު ނާސިރު އިބްރާހިމްގެ ލަވަ ކިއުމާއި ގޯސްޓް ގްރޫޕުގެ ނެށުން އޮތެވެ.