އެމްވީޓީވީގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ޖިލްބާބް ގްރުއާން މުބާރާތުގެ އެއްވަނަ އަރަބިއްޔާ ސްކޫލްގެ ދަރިވަރު ރިފްދާ މުހައްމަދު ރަޝީދު ހޯދައިފި އެވެ.

ޖުމުލަ 663 ކުދިން ބައިވެރިވި އެ މުބާރާތުގެ އެއް ވަނައަށް ދިޔަ ރިފްދާއަށް ވަނީ މުސާފިރީން ހަައްޖު އެންޑް އުުމްރާގެ ފަރާތުން ހުށަހެޅުއްވި އުުމްރާ ދަތުރާއި، ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި އިނާމާއި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ވާދައިގެ ތައްޓާއި އިނާމާއި މިލިއަން ބުކްޝޮޕްގެ ފަރާތުން ހުށަހެޅުއްވި އިނާމާއި ސްޓާލިންގް ފްލަވާސްގެ ފަރާތުން ހުށަހެޅުއްވި އިނާމުގެ އިތުރުން އަދި ހަނދާނީ ލިޔުން ރޭ ހަވާލުކޮށްފަ އެވެ.

ރޭ ދަރުބާރުގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ވަނަ ވަނައަށް އައި ބައިވެރިންނަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.

ގުރުއާން މުބާރާތުގައި ޖުމްލަ ހަ ގޮފިން ވަނަ ވަނަ ދީފައިވެ އެވެ. އެއީ ހަ އަހަރާއި އަށް އަހަރާ ދެމެދުގެ އުމުރުފުރައިން ފޮތުންނާއި ހިތުން ކިޔެވުމުގެ ގޮފިންނާއި ނު އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރައިން ފޮތުންނާއި ހިތުން ކިޔެވުމުގެ ގޮފިންނާއި 13 އަހަރުން މަތީގެ އުމުރު ފުރައިން ފޮތުންނާއި ހިތުން ކިޔެވުމުގެ ގޮފިން ކަމަށް އެމްވީޓީވީ އިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވަނީ އެމްވީޓީވީގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި އެސްޓީއޯ މަދަހަ މުބާރާތުގެ ވަނަ ވަނަ އައި ފަރާތްތަކަށް ވެސް ތައްޓާއި އިނާމު ވަނީ ދީފަ އެވެ. އެގޮތުން އެސްޓީއޯ މަދަހަ މުބާރާތުގެ މުޅި މުބާތާރުން އެއް ވަނަ ހޯދާފައި ވަނީ އައިމިނަތު ޒާރާ އިބްރާހީމް އެވެ.

އެ މުބާރާތުގައި 194 ކުދިން ބައިވެރިވެފަވެ އެވެ. ބައިވެރިންގެ ތެރެއިން އެސްޓީއޯ މަދަހަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ ހޯދި ދަރިިވަރަށް ވަނީ މޯލްޑިވިއަންގެ ފަރާތުން ހުށަހެޅުއްވި ޑޮމެސްޓިކް ކޮންމެ މަންޒިލަކަށް ދަތުރުކުރުމަށް ދެއްވި ދެ ޓިކެޓާއި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި އިނާމާއި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހުށަހެޅުއްވި ވާދައިގެ ތައްޓާއި އިނާމާއި މިލިއަން ބުކްޝޮޕްގެ ފަރާތުން ހުށަހެޅުއްވި އިނާމާއި ސްޓާލިންގް ފްލަވާސްގެ ފަރާތުން ހުށަހެޅުއްވި އިނާމް، އަދި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.