އިންޑިއާއާއި ޕާކިސްތާނުގެ މެދުގައި ޖެހިފައިވާ މައްސަލަ ސުލްހަ ކުރުމަށް އދ. އިން އިސްނަގައިފި އެވެ.

އދ.ގެ ސެކެއްޓަރީ ޖެނެރަލް ބަންކީ މޫންގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ ދެގައުމުގެ މެދުގައި ޖެހިފައިވާ މައްސަލަ އިތުރަށް ހޫނު ނުކޮށް މައްސަލަ ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ކަނޑައެޅުމަށް މިހާރުން މިހާރަށް ވެސް މަޝްވަރާ ފަށަން ޖެހޭ ކަމަށެވެ.

މި ދެ ގައުމުގެ މެދުގައި އުފެދިފައިވާ މައްސަލައިގެ ސަބަބުން މުޅި އޭޝިއާ ސަރަހައްދަށް ވެސް ބިރުވެރިކަން ވަނީ އުފެދިފަ އެވެ. އިންޑިއާއާއި ޕާކިސްތާނަކީ ނިއުކްލިއާ ބަރު ހަތިޔާރު ހުރި ދެ ގައުމެވެ. އެހެން ކަމުން އިންޑިއާއާ ޕާކިސްތާނުގެ މަސްރަހު ފިނި ކޮށް އޮތުމަކީ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް ވަރަށް މުހިއްމު ކަމެކެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި ހިނގާ ހަމަނުޖެހުންތަކާއި ހިޔާލު ތަފާތުވުން ތަކަކީ ޒަމާނުއްސުރެ އޮންނަ އެއްޗެކެވެ. މިފަހަރު ދެގައުމުގެ މަސްރަހު ހޫނުވެފައި މިވަނީ މިމަހުގެ 18 ވަނަ ދުވަހު ކަޝްމީރުގައި ދިން ހަމަލާތަކެއްގައި އިންޑިއާ ސިފައިންގެ 18 އޮފިސަރަކު މަރުވުމާ ގުޅިގެންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށްގެން ދީފައިވާ އެންމެ ބޮޑު ހަމަލާ އެވެ.

އދ.ގެ ތަރުޖަމާން ސްޓެފަން ޑުޖައްރިކް މިއަދު ވިދާޅުވި ގޮތުގައި ބަންކީ މޫން ދަނީ އިންޑިއާއި ޕާކިސްތާނުގެ މަސްރަހު ވަރަށް ގާތުން ބަލަމުންނެވެ. އަދި އދ.އިން އެ ދެގައުމުގެ މަސްރަހާ ގުޅިހެން ކަންބޮޑުވާ ކަމަށާއި އެމައްސަލަ ސުލްހަ ކުރުމަށް ހުށަހަޅާ ހިޔާލުތައް ބަލައިގަންނަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ދެގައުމުގެ މަސްރަހާ ގުޅިގެން އދ.އިން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ޕާކިސްތާނާއި އިންޑިއާގެ ދެމެދުގައި މީގެ ކުރިން ދެ ހަނގުރާމައެއް ހިނގާފައިވެއެވެ.