01 Oct 2016, 13:09
ޗައިނާއާ ރާއްޖެއާ ދެމެދު ގާއިމް ކުރުމަށް ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި އެވެ.
ހޮންކޮންގުގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިމުނީ އިއްޔެ އެވެ. އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހޮންކޮންގަށް ފުރައިވަޑައިގަތީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
އިކޮނަމިކް މިނިސްޓްރީ އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ އެއްބަސްވުމާ ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް އިއްޔެ ނިމިފައިވާ ކަމަށެވެ.
Final round of China-Maldives FTA negotiations concluded today at Hong Kong.pic.twitter.com/CVkmDkV8tb
— Economy & Trade (@EconDevMv)September 30, 2016
ހޮންކޮންގަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ މިފަހަރު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އޮންނާނީ މިހާތަނަށް ދެ ސަރުކާރުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ގޮތެއް ނިންމުން ކަމަށެވެ. އަދި އުއްމީދަކޫ އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރަސްމީކޮށް ވަނުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރު ސައީދުގެ އިތުރުން ކޮމިޝަނާ ޖެނެރަލްސް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފު މުހައްމަދެވެ.