01 Oct 2016, 11:41
ކަޝްމީރުގައި ވަޒަންވެރިވެފައިވާ އިންޑިއާގެ ބައެއް މީހުން ސަލާމަތަށްޓަކައި އެހިސާބު ދޫކޮށް އެހެން ހިސާބުތަކަށް ދަތުރުކުރަން ފަށައިފިއެވެ.
ކަޝްމީރުގައި ދިރިއުޅޭ އިންޑިއާ މީހުން އެހެން ހިސާބުތަކަށް ދަތުރުކުރަން ފަށާފައި އެވަނީ އެސަރަހައްދުގައި އުޅޭ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދީފައިވާތީ އެމީހުންގެ އަމިއްލަ ރައްކަލަށެވެ.
އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި ހިނގާ ހަމަނުޖެހުންތަކާއި ހިޔާލު ތަފާތުވުން ތަކަކީ ޒަމާނުއްސުރެ އޮންނަ އެއްޗެކެވެ. މިފަހަރު ދެގައުމުގެ މަސްރަހު ހޫނުވެފައި މިވަނީ މިމަހުގެ 18 ވަނަ ދުވަހު ކަޝްމީރުގައި ދިން ހަމަލާތަކެއްގައި އިންޑިއާ ސިފައިންގެ 18 އޮފިސަރަކު މަރުވުމާ ގުޅިގެންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށްގެން ދީފައިވާ އެންމެ ބޮޑު ހަމަލާ އެވެ.
ކަޝްމީރުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިންޑިއާއިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނުގެ ތެރޭގައި ކަޝްމީރުގެ ޕާކިސްތާނު ސަރަހައްދުގައި ހަރަކާތްތެރިވި އެގައުމުގެ ސިފައިންގެ ދެ މީހަކު މަރާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވާއިރު މި އޮޕަރޭޝަން ފެށިކަން އިއުލާން ކުރުމާ އެކު ޕާކިސްތާނުންވެސް ވަނީ އިންޑިއާގެ ސިފައިންގެ އޮފިސަރަކު އެގައުމުން ހައްޔަރުކޮށްފައިވާ ކަން އިއުލާންކޮށްފައެވެ.
އިންޑިއާއާ ޕާކިސްތާނުގެ މަސްރަހު ފިނި ކޮށް އޮތުމަކީ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ބުނެ ޗައިނާއިންވަނީ ދެގައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލަ މަޝްވަރާކޮށްގެން ސުލްހަ ކުރުމަށް ގޮވާލާފައެވެ.
ޗައިނާއިން މިފަދަ ގޮވާލުމެއް ގޮވާލާފައިވާއިރު ޕާކިސްތާނާއި އިންޑިއާގެ ދެމެދުގައި މީގެ ކުރިން ދެ ހަނގުރާމައެއް ހިނގާފައިވެއެވެ.