01 Oct 2016, 11:31
މާލޭ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަށައިފި އެވެ.
އެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ފަށާފައި ވަނީ މަޖީދީ މަގު ހުޅަނގުން ނެވެ. އެގޮތުން އެ ސަރައައްދުގައި ޖަހާފައި ހުރި ގާތަށް ނަގާ މަގު އެއްވަރު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ވަނީ ފަށާފަ އެވެ.
އެ މަސައްކަތް ކުރުމުގެ ގޮތުން މަޖީދީމަގު، ރަސްފަންނުން ފަށައިގެން އިއްޒުއްދީން މަގާ ހަމައަށް ވަނީ ބަންދުކޮށްފަ އެވެ. އެ ސަރަހައްދު މި މަހުގެ 14ވަނަ ދުވަހާއި ހަމައަށް ބަންދުކޮށްފައި ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެ އެވެ.
މަޖީދީމަގު ނުވަ ބަޔަކަށް ބަހާލައިގެން، ކޮންމެ ބައެއް ދެ ހަފްތާގެ މުއްދަތެއްގައި ނިންމުމަށް ޕްލޭން ހެދިފައިވާ އިރު، ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއް ކުރިޔަށް ދާ ނަމަ މަޖީދީ މަގުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މާލޭ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަޝްރޫއުގެ ދަށުން މަޖީދީ މަގުގައި ޖަހާފައި ހުރި ގާތަށް ނަގާ މަގު އެއްވަރު ކުރަނީ: ފޮޓޯ/ ހައުސިން މިނިސްޓްރީ
މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ ގޮތުން މަޖީދީ މަގުގެ މަސައްކަތް މިއަދު ފަށާފައިވާއިރު އަމީނީ މަގު، އަމީރު އަހްމަދު މަގު، ޗާންދަނީ މަގު، އޯކިޑު މަގު، ލޮނުޒިޔާރަތް މަގު، ހަވީރީ ހިނގުން އަދި މާފަންނު ކޮޅުގައި އޮންނަ، ވާރޭ ވެހުމުން އެންމެ ބޮޑަށް ފެން އުފެދޭ ބައެއް މަގުތައް ކަމުގައިވާ ހަނދުވަރީ ހިނގުން، އިއްޒުއްދީން މަގު، ކަނބާ އައިސާރަނި ހިނގުން އަދި ބުރުޒު މަގު ވެސް މަރާމާތު ކުރުމަށް ހައުސިންގް މިނިސްޓްރީގެ ޕްލޭނުގެ ތެރޭގައި ހިމެނެއެވެ.
ހައުސިންގް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށް ދާނީ މަގުގައި ހުރި ގާތަށް ނެގުމަށްފަހު، ލެވެލް ކޮށްގެންނެވެ. މަގުގައި ހުންނަ އަޑިގުޑަންތަކުގެ މައްސަލަ ހައްލުކުރެވޭނެއެވެ. އަދި މަގުގައި މިހާރަށް ވުރެ ބޮޑެތި ކާނުތައް ވަޅުލައި، އެއް ކާނު އަނެއް ކާނާ ގުޅުވާލުމަށް ނިންމާފައިވާ އިރު، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މަގުތައް ހަދާ އިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރޮޅުލީ ގޮނޑީގައި ޕޭވްމަންޓަށް އަރައި ފޭބުމަށް ޚާއްސަ ރޭމްޕުތަކާއި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ ފެން ލިބޭނެ ވަސީލަތެއްގެ ގޮތުގައި ފަޔަރ ހައިޑްރަންޓު ވެސް ޖަހަން މިނިސްޓްރީން ވަނީ ނިންމައިފައެވެ.