01 Oct 2016, 11:37
އިންޑިއާގައި އުފައްދާ ފިލްމުތައް ނޭޅުވުމަށް ޕާކިސްތާނުގެ ބޮޑެތި ސިނަމާތަކުން ނިންމައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގެ ސިނަމާތަކުން އެގޮތަށް ނިންމީ އިންޑިއާއާ ޕާކިސްތާނުގެ ދެމެދު ޖެހިފައިވާ މައްސަލައިގައި ސިނަމާތައް ތިބީ ޕާކިސްތާނު ސަރުކާރާ އެއްކޮޅަށް ކަމަށް ބުނެ އެވެ. އެކަން އެގޮތަށް ނިންމާފައިވަނީ ޕާކިސްތާނުގެ ލާހޯރު، ކަރާޗީ އަދި އިސްލާމްއާބާދުގައި އެވެ.
އެފަދަ ނިންމުމެއް ޕާކިސްތާނުގެ ސިނަމާތަކުން ނިންމާފައިވާއިރު ބޮލީވުޑުގައި ހަރަކާތްތެރިވާ ޕާކިސްތާނު ފަންނާނުންނަށް ވަނީ އިންޒާރު ދިނުމަށްފަހު އިންޑިއާއިން ބޭރުވާން އަންގާފައެވެ. އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަނުން ވަނީ ޕާކިސްތާނު އެކްޓަރުންންނަށް ބޮލީވުޑްގެ ފިލްމުތަކުގައި މީގެ ފަހުން އެކްޓު ނުކުރެވޭނެކަމަށްވެސް ބުނެފައެވެ.
ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަނީ ޒަމާންވީ ދުޝްމަން ކަމެކެވެ. މިފަހަރު މި ދެގައުމުގެ މެދުގައި މައްސަލަ ޖެހިފައިވަނި ކަޝްމީރުގައި ދިން ހަމަލާތަކެއްގައި އިންޑިއާ ސިފައިންގެ 18 މީހަކު މަރުވުމާ ގުޅިގެންނެވެ.
އެހަމަލާ ދިނީ ޕާކިސްތާނު އަސްކަރިއްޔާއިން ކަމެއް ހަނގުރާމަވެރި ޖަމާއަތަކުން ކަމެއް ޔަގީނެއް ނުވެއެވެ. ނަމަވެސް އިންޑިއާއިން ބުނަމުން ދަނީ އެއީ ޕާކިސްތާނުގެ ސިފައިން ދިން ހަމަލާއެއް ކަމަށާއި އޭގެ ބަދަލު ދޭނެ ކަމަށެވެ.
ޕާކިސްތާނުން ވަނީ އިންޑިއާގެ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އިންޑިއާގެ ބޮޑު ވަޒީރު ވިދާޅުވެފައިވާ ގޮތުގައި އެގައުމު އޮތީ ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރަން ތައްޔާރަށެވެ. އެކަން އިއުލާން ކުރެއްވިތާ އެއް ދުވަސްތެރޭގައި ކަޝްމީރު ބޯޑަރު ސަރަހައްދުގައި އިންޑިއާ ސިފައިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ޕާކިސްތާނު ސިފައިންގެ ދެ މީހަކު މަރާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. (ބީބީސީ)