ބ. އޭދަފުށި މަގު ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ން އިއްޔެ ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ ތެރޭގައި އެމްއާރްޑީސީއާ ހަވާލުކުރި އެ މަސައްކަތަކީ ގާތްގަނޑަކަށް 33 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. އެމްއާރްޑީސީން އޭދަފުށީގެ 15 މަގެއް ހެދުމަށް ހަވާލުކޮށްފައިވެ އެވެ. އެ 15 މަގުވެސް އޭދަފުށީގައި އެ ކުންފުނިން ހަދާނީ ތާރު އަޅައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭދަފުށި މަގު ހެދުމުގެ މަޝްރޫއު އެމްއާރްޑީސީން އިއްޔެ ފަށާފައިވާ އިރު އެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އޭދަފުށީ މަގު ހެދުމުގެ މަސައްކަތް އެމްއާރްޑީސީން ފަށާފައިވާއިރު އެ ކުންފުނިން މިހާރުވެސް ގެންދަނީ ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން ނެވެ. އެގޮތުން މިދިިޔަ މަހުގެ ފަހުކޮޅު އެކަނިވެސް ހަތަރު ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށައިފަ އެވެ.