ކާޑަށް ދޭ ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދޭން ނިންމުމާ އެކު ސަބްސިޑީދޭ ފަރާތްތަކަށް މަހަކު 40 ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިންމައިފި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލައި، ހަމައެކަނި ނިކަމެތިންނަށް ސަބްސިޑީ ދިނުމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު 100 ޕަސެންޓ ބޮޑުވާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނައިބް އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ ސަބްސިޑީ ލިބޭ ކޮންމެ ނިކަމެއްޗަކަށް މަހެއްގެ މައްޗަށް 40 ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގޭބިސީއަކަށް ދިނުމަށް ނިންމާފައި ވަނީ މަހަކު 240 ރުފިޔާ ކަމަށެވެ.

ކާޑުގެ ބާވަތްތަކަށް އާންމުކޮށް ދެމުން އައި ސަބްސިޑީ ކަނޑާލައި، އެ ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށްދޭ ގޮތަށް ހަމަޖައްސާފައިވާ އިރު، ސަރުކާރުން ބުނީ އެކަން ހަމަޖައްސާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް ސަބްސިޑީ ދޭނެ އިންތިޒާމަކީ ކޮބައިކަމެއް، އަދި ސަބްސިޑީ ދޭނެ ފަރާތްތައް ކަނޑައަޅާނީ ކޮން އުސޫލަކުން ކަމެއް އެންސްޕާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ތައުފީގް ވިދާޅުވީ ނިކަމެތިން ކަނޑައެޅުމުގައި ބަލާނީ ކަރަންޓް ސަބްސިޑީ ދިނުމުގައި ބެލި އުސޫލަށް ކަމަށެވެ.

އެސްޓީއޯ އިން އިއުލާން ކޮށްފައިވާ ގޮތުން، 3.98 ރުފިޔާއަށް ވިއްކަމުން އަންނަ ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް އުފުލޭނެ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ދޭ ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް މާދަމާއިން ފެށިގެން ބޮޑުވާނެ އެވެ. އަދި އަތޮޅުތެރެއަށް އެއަގުތައް އިތުރަށް ބޮޑުވެ އެވެ.