01 Oct 2016, 08:41
ބޮލީވުޑުގެ އެކްޓަރު ޖޯން އަބްރަހަމް އާއެކު ސެލްފީ އެއް ނަގަން މަސައްކަތް ކުރި ސަޕޯޓަރެއްގެ ގައިގައި އޭނާ ޖަހާފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ޚަބަރުތައް ބުނާގޮތުން، އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ "ފޯސް 2" ގެ ޕްރޮމޯޝަނަލް އިވެންޓަކަށް ފަހު ޖޯން ކާރަށް އަރަން ދަނިކޮށް، އޭނާގެ އަތުގައި ހިފާފައި ސެލްފީ އެއް ނަގަން މަސައްކަތް ކުރި ސަޕޯޓަރަކާ ދެމެދު އެވެ.
އެމީހާގެ މޫނުމަތީގައި ޖެހުމަށް ފަހު، އެ ހާދިސާ ކެމެރާ ކޮށްފި ނަމަ ރަނގަޅު ނުވާނެ ކަމަށް ބުނެ ޕަޕަރާޒީންނަށް ޖޯން އިންޒާރު ދިން ކަމަށް ވެސް ވެ އެވެ.
ނަމަވެސް ޖޯންގެ ތަރުޖަމާނު ވަނީ އެކަން ދޮގުކޮށްފަ އެވެ. ތަރުޖަމާނު ބުނީ ޚަބަރު ފަތުރަމުން އަންނަނީ ކަން ހިނގި ގޮތް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށެވެ.
އަދި ގަސްދުގައި ޖޯން އެކަހަލަ ކަމެއް ނުކުރާނެ ކަމަށާއި، ޖޯން ޖެހި ކަމަށް ބުނާ ސަޕޯޓަރު ވެސް ފަހުން ޖޯން ދިރިއުޅޭ ގެއަށް އައިސް މައާފަށް އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.