ބޮލީވުޑުގައި ޕާކިްތާނުގެ އެކްޓަރުންނާއި ލަވަކިޔުންތެރިންގެ އިތުރުން ޓެކްނީޝަނުން މަސައްކަތް ކުރުން ވަގުތީ ގޮތުން މަނާކުރުމާ ގުޅިގެން، ޕާކިސްތާނު ފަންނާނުންގެ ދިފާއުގައި ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން ވާހަކަ ދައްކައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އިންޑިއަން މޯޝަން ޕިކްޗާރސް ޕްރޮޑިއުސާރސް އެސޯސިއޭޝަނުން ނިންމާފައި ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި އަލަށް އުފައްދާ އެއްވެސް ފިލްމެއްގައި ޕާކިސްތާނު ތަރިން ހިމަނައިގެން ނުވާނެ ކަމަށެވެ.

އަދި ދެ ގައުމުގެ ގުޅުން ހަމައަކަށް އެޅެންދެން އެ ނިންމުމަށް އަމަލު ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެ ނިންމުމާ ގުޅިގެން ސަލްމާން ޚާން ބުނެފައި ވަނީ ޕާކިސްތާނުގެ ފަންނާނުންނަކީ ޓެރަރިސްޓުން ނޫން ކަމަށެވެ.

"އެއީ ފަންނާނުން. ޓެރަރިސްޓުންނެއް ނޫން. އެމީހުންނަށް ވީސާ އާއި އެހެން ހުއްދަތައް ވެސް ދެނީ އިންޑިއާ ސަރުކާރުން،" ސަލްމާން ބުނެފައިވެ އެވެ.

އެސޯސިއޭޝަންގެ ނިންމުމާ ދެކޮޅަށް ސަލްމާން ވާހަކަ ދެއްކި ނަމަވެސް، ގިނަ ފަންނާނުން އަންނަނީ "އެންމެ ފުރަތަމަ ގައުމު" ކަމަށް ބުނެ އެ ނިންމުމާ އެއްކޮޅަށް ވާހަކަ ދައްކަމުންނެވެ.