އިންޑިއާގައި ތިބި ޕާކިސްތާނަށް ނިސްބަތްވާ ފަންނާނުން އިންޑިއާ އިން ފޭބުމަށް މަހާރާޝްތުރަ ޕާޓީ އިން އިންޒާރު ދިންތާ ހަފްތާއެއް ނުވަނީސް، ޕާކިސްތާނު ފަންނާނުން ބޮލީވުޑުގައި މަސައްކަތް ކުރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ޕާކިސްތާނު ފަންނާނުން ހިންދީ ސިނަމާގައި މަސައްކަތް ކުރުން ވަގުތީ ގޮތުން މަނާ ކުރީ އިންޑިއަން މޯޝަން ޕިކްޗާރސް ޕްރޮޑިއުސަރސް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) އިންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ 87 ވަނަ އަހަރީ ޖަލްސާގައި ނިންމާފައި ވަނީ ޕާކިސްތާނާ އިންޑިއާ އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް އެކަށީގެންވާ ހައްލެއް ލިބެންދެން ޕާކިސްތާނު ފަންނާނުން ހިންދީ ސިނަމާގައި މަސައްކަތް ކުރުން މަނާކުރުމަށެވެ.

އެއީ ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިމަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވާތީ ނިންމި ނިންމުމެކެވެ.

އިންޑިއާ އިން ބުނަމުން އަންނަނީ އެހަމަލާ ދިން ހަތިޔާރަކީ ޕާކިސްތާނަށް ނިސްބަތްވާ ހަތިޔާރު ކަަމަށާއި އެހެންކަމުން ހަމަލާގެ ޒިންމާ ޕާކިސްތާނުން ނަގަންވާނެ ކަމަށެވެ.

އައިއެމްޕީޕީއޭ އިން ބުނެފައި ވަނީ މިހާރު މަސައްކަތް ނިމި، ރިލީޒް ކުރުމަށް ތައްޔާރުވެފައިވާ ފިލްމުތައް އެ ނިންމުމުގެ ތެރެއަށް ނާންނާނެ ކަމަށެވެ.

އަންނަ މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަރަން ޖޯހަރުގެ "އޭ ދިލް ހޭ މުޝްކިލް" ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ފެންނަ އިރު އަންނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޝާހު ރުކް ޚާންގެ "ރައީސް"ގައި ޕާކިސްތާނު އެކްޓްރެސް މާހިރާ ޚާން ވެސް ފެނިގެންދާނެ އެވެ. އެއީ މާހިރާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.

މަހާރާޝްތުރަ ސަރުކާރުން ވަނީ އެ ދެ ފިލްމުގައި އެ ދެ ތަރިން ކުޅެދީފައިވާ ރޯލުތައް ނުހިމެނުމަށް މީގެ ކުރިން އަންގައިފަ އެވެ.

އިންޑިއާ އިން ޕާކިސްތާނު ފަންނާނުން ނެރުމާއި ގުޅިގެން، ޕާކިސްތާނުން ވަނީ އެ ގައުމުގައި ބޮލީވުޑުގެ ފިލްމުތައް ނުދެއްކުމަށް މަސައްކަތް ކުރަމުންނެވެ.

ބޮލީވުޑުގައި މަސައްކަތް ކުރާ ޕާކިސްތާނު ފަންނާނުންގެ ތެރޭގައި އެކްޓަރު ފަވާދު ޚާން، އަލީ ޒަފަރު، މާހިރާ ޚާން، މަވްރާ ހޮކޭން، ލަވަކިޔުންތެރިޔާ ރާހަތު ފަތޭ އަލީ ޚާން އަދި އާތިފް އަސްލަމް ފަދަ ފަރާތްތައް ހިމެނެ އެވެ.