01 Oct 2016, 08:34
ރާއްޖޭގެ 7000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާން ރާއްޖޭގައި ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޯލެވެލް އިމްތިހާން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ފަށާފައިވާ އިރު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން، މިއަހަރުގެ އިމްތިހާނުގައި ސަރުކާރުގެ 194 ސެންޓަރަކުންނާއި އަމިއްލަ 41 ސެންޓަރަކުން ޖުމްލަ 7023 ދަރިވަރުން އިމްތިހާނުގައި ބައިވެރިވެ އެވެ.
އޭގެ ތެރޭގައި ސްރީލަންކާގައި ހުންނަ ސޯސަންވިލާ ނުވަތަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގެ 12 ދަރިވަރުން މިއަހަރު އެސްއެސްސީ އިމްތިހާން ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިއީ އެމްއީސީސީގެ ދަރިވަރުން އެސްއެސްސީ އިމްތިހާން ހަދާ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު އެ ސެންޓަރުން އެސްއެސްސީ އިމްތިހާނުގައި ބައިވެރިވީ ހަތް ދަރިވަރުންނެވެ.
އިމްތިހާނުގައި ރާއްޖޭން ބައިވެރިވާ ދަރިވަރުން މިއަދު ހަދާނީ ދިވެހި މާއްދާ އެވެ. އަދި މާދަމާ އިސްލާމް މާއްދާ ހަދާނެ އެވެ. އޯލެވެލްގައި ބައިވެރިވާ ދުނިޔޭގެ އެހެން ދަރިވަރުންނާ އެކު އަންގާރަ ދުވަހު ރާއްޖޭގެ ދަރިވަރުން ހަދާނީ ޓުރެވަލް އެންޑް ޓޫރިޒަމް މާއްދާ އެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ އަދަދު މަދެވެ. އެގޮތުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާން 7066 ދަރިވަރުން ހަދާފައިވެ އެވެ.
އޯލެވެލް އިމްތިހާން ރާއްޖޭގައި މިއަދު ފަށާފައިވާއިރު، އޭލެވެލް އިމްތިހާނު ވެސް މިފަހަރު ބާއްވަން ހަމަޖެހިފައިވަނީ އޯލެވެލް އިމްތިހާނާ އެއް ދުވަސްވަރެއްގަ އެވެ. އަދި މިއީ ކޭމްބްރިޖާއެކު މަޝްވަރާކޮށްގެން ރާއްޖެއަށް ހާއްސަކޮށްގެން އޭލެވެލް އިމްތިހާން އޮކްޓޯބަރު/ ނޮވެމްބަރުގައި ބާއްވާ ފުރަތަމަ ފަހަރެވެ.
އޯލެވެލްއާ އެއްދުވަސްވަރެއްގައި އޭލެވެލް އިމްތިހާން ހަދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، އޯލެވެލް ނިމި އޭލެވެލްއަށް ކިޔަވަން ފެށުމާދޭތެރޭ ގިނަ މަސްތަކެއް ބޭކާރުވެގެންދާތީ އެވެ. އެ ނިންމުމުގެ ދަށުން އޭލެވެލް އިމްތިހާން ސީރީޒް ފުރަތަމަ ހަދާނީ މިއަހަރު ގްރޭޑް 11 އަށް ވަތް ދަރިވަރުންނެވެ.
އެގޮތުން މިއަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބާއްވާ ފުރަތަމަ އޭލެވެލް އިމްތިހާނުގައި 334 ދަރިވަރުން ބައިވެރިވާއިރު، އިމްތިހާން ފަށާނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އަދި އިމްތިހާން ނިމޭނީ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.