މޯލްޑިވްސް މެރިން އެކްސްޕޯ އާ ޗެލެންޖް ކޮށްލެވޭނެ ފަދަ އެދާއިރާގެ އެހެން އެކްސްޕޯއެއް މުޅި އޭޝިއާ ސަރަހައްދުގައި ނުބޭއްވޭނެ ކަމަށް ލިވްއަބޯޑު އެސޯސިއޭޝަނުން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

މެރިން އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުން އެ އެސޯސިއޭޝަންގެ ސެކެއްޓަރީ ޖެނެރަލް، މުހައްމަދު އިގްނާޒް އަލީ ވިދާޅުވީ އެ މައުރަޒު ބާއްވާތާ ތިން އަހަރުވެފައިވާއިރު އެ އެކްސްޕޯއާ ޗެލެންޖުކޮށްލެވޭ ވަރުގެ އިތުރު އެކްސްޕޯއެއް އޭޝިއާ ސަރަހައްދުގައިވެސް ބޭއްވިފައި ނުވާ ކަމަށެވެ. އަދި އެފަދަ އެކްސްޕޯއެއް ނުވެސް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަ ގައިމުވެސް އަވަށްޓެރި ސްރީލަންކާ، އިންޑިއާ. ކޮންތާކުންތޯ މިހެން ސަފާރީތައް އަޅުގަނޑުމެންނަށް ފެންނަ ހިސާބެއްގައި މިކަހަލަ ސްޓޯލްތަކެއް ބާއްވައިލައިގެން ގެންގުޅެވޭނީ. ނުގެންގުޅެވޭނެ،" އިގްނާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އެސޯސިއޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ މެރިން އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ދާއިރާއާ ގުޅުން ހުރި ޚިދުމަތްތައް ލިބިގެން ދިއުން ކަމަށެވެ. އެމަގުސަދު މި މައުރަޒުގެ ތެރެއިން ވަރަށް ބޮޑަށް ހާސިލްވެގެން ގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ މައުރަޒުގެ އިވެންޓް އޯގަނައިޒާ، ބްލަކް ގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ހުޝާމް ސަން އަށް ވިދާޅުވީ މިއަހަރުގެ އެކްސްޕޯ އަކީ ސަރަހައްދީ ގޮތުން ބަލާއިރުވެސް ވަރަށް ކާމިޔާބު އަދި އެހާ ފުޅާކޮށް ބޭއްވުނު އެކްސްޕޯއެއް ކަމަށެވެ. އަދި މިފަހަރުގެ މައުރަޒަށް ޒިޔާރަތް ކުރި މީހުންގެ ތެރޭގައި އޭޝިއާ ބައްރުގައި ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކުގެ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޝާމް ވިދާޅުވި ގޮތުގައި މިއަހަރުގެ އެކްސްޕޯއަށް ޒިޔާރަތް ކުރި މީހުންގެ ތެރޭގައި ޗައިނާއައި ރަޝިއާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ހިމެނެއެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ހުޅުމާލޭ މެރީނާ ސަރަހައްދުގައި ބޭއްވި މި އެކްސްޕޯގައި 32 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ.