ހުޅުމާލޭގައި ރޭގެ ނިޔަލަށް ކުރިއަށްގެންދިޔަ މެރިން އެކްސްޕޯގައި އެކި ކުންފުނިތަކުން ތަފާތު ޕްރޮޑަކްޓްތައް ލޯންޗްކޮށްފައިވާ އިރު، އެ އެކްސްޕޯގައި ލޯންޗްކުރި އެންމެ ރަނގަޅު ޕްރޮޑަކްޓަކަށް އެމްއޭ ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ނެރުނު ޑައިވިން ކިޓް ހޮވިއްޖެއެވެ.

އެމްއޭ ސާވިސަސް ޕްރައިވެޓް އިން މި ޕްރޮޑަކްޓް ތައާރަފްކޮށްފައި ވަނީ، ހުޅުމާލޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައެވެ.

އެ ޑައިވިން ކިޓަކީ މިހާރު ރާއްޖޭގައި ބޭނުންކުރާ ޑައިވިން ކިޓްތަކާ ޚިލާފަށް މާބޮޑަށްވެސް ލުއި، އަވަހަށް ހިއްކާލެވޭ، ޑައިވިންކިޓެކެވެ. މި ކިޓަށް ކިޔާ ނަމަކީ، ހައިޑްރޯ ޕްރޯ ބީސީޑީއެވެ. މި ކިޓްގައި ސަލާމަތީ ކަންކަންވެސް ވަރަށް ވަރުގަދައެވެ. އަލަށް ތައާރަފްކުރި ހައިޑްރޯ ޕްރޯ ބީސީޑީ ޑައިވިންކިޓަކީ، ޕޮލްޕްރިންޓް ނަމަކަށް ކިޔާ މެޓީރިއަލަކުން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

އެމްއޭ ސާވިސްއިން ބުނިގޮތުގައި މި ޑައިވިން ކިޓް ވެގެންދާނީ، ރާއްޖޭގެ ސްކޫބާ ޑައިވިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ ފަދަ ކިޓެއްކަމަށެވެ. މި ކިޓްގެ އަގު އުޅޭނީ، 9000 ރުފިޔާގެ ރޭންޖެއްގައި ކަމަށާއި، ކިޓާއެކު ކިޓް ޕެކްކުރާނެ ދަބަހެއް ލިބޭނެ ކަމަށް އެމްއޭ ސާވިސް އިން ބުންޏެވެ.

މެރިން އެކްސްޕޯގައި ހުރި އެންމެ ރީތި ސްޓޯލްގެ އެވޯޑް ލިބުނު ސްޓޯލް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އެންމެ ރަނގަޅު ޕްރޮޑަކްޓްގެ އިތުރުން މިރޭ ވަނީ އެންމެ ރީތި ސްޓޯލް ވެސް ހޮވާފަ އެވެ. އެގޮތުން ހުރިހާ ގޮތަކުން އެންމެ ރީތި އަދި އެންމެ ހިތްގައިމު ގޮތަކަށް ޑިޒައިންކޮށްފައިވާ ސްޓޯލަކަށް ހޮވުނީ އެލިއާ އިންވެސްޓްމެންޓްގެ "ޔަމަހާ" ސްޓޯލެވެ.

އެންމެ ކަސްޓަމާސާވިސް ރަނގަޅު ސްޓޯލަކަށް ހޮވިފައި ވަނީ ހަސަން މެރިންގެ ފަރާތުން އެކްސްޕޯގައި ގާއިމްކޮށްފައިވާ ސްޓޯލެވެ.

މެރިން އެކްސްޕޯގައި އެންމެ ކަސްޓަމާ ސާވިސް ރަނގަޅު ހަސަން މެރިން އަށް އެކަމުގެ އެވޯޑް ދެނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ