ދިވެހި ރެޑް ކްރެސެންޓުން ހުޅުމާލެއިން ގަނެފައިވާ ބިމެއްގައި އެ ޖަމިއްޔާގެ މައި މަރުކަޒު އެޅުމަށް ބަޔަކާ ހަވަލުކޮށްފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނި ގޮތުގައި އިންޓަނޭޝަނަލް ރެޑް ކްރެސެންޓް ސޮސައިޓީސްއިން ދިވެހި ރެޑް ކްރެސެންޓަށް ދިން ފައިސާގެ އެހީގައި، ހުޅުމާލެއިން ގަނެފައިވާ ބިމުގައި ރެޑް ކްރެސެންޓުގެ މައި މަރުކަޒު އެޅުމަށް ބުރާސްފަތި ދުވަހު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

ރެޑް ކްރެސެންޓުގެ މައި މަރުކަޒު ހުޅުމާލޭގައި އެޅުމަށް ހަވާލުކޮށްފައި ވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އާއިޝަތު ނޫރާ މުހައްމަދެވެ. އިނޯކާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝަމީމެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ، ދިވެހި ރެޑް ކްރެސެންޓުގެ މައި އިދާރާ ހުޅުމާލޭގައި އެޅުމުން، އެޖަމިއްޔާގެ ފަރާތުން މުޖުތަމަޢަށް ދޭ ޚިދުމަތްތައް ފުޅާވެގެން ދާނެ ކަމަށެވެ.